މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް: ތެލުގެ އަގުހެޔޮކޮށް 4.5 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރ. ދުވާފަރުގައި ރޭ އޮތް މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުޑަކުރައްވާނެކަން ވަނީ އިޢުލާނުކުރައްވާފައެވެ.
މި ބަދަލާއެކު، ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް ތެޔޮ 13.72 ރުފިޔާއަށް، އަދި އާއްމު މަސްވެރިންނަށް 14.43 ރުފިޔާއަށް ލިބޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އެވްރެޖްކޮށް ދުވާލަކު 1000 ރުފިޔާގެ ލުޔެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލުތައް ގެންނެވީ މިފްކޯ، އެސްޓީއޯ އަދި އެފްއެސްއެމް ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ޤާއިމުކުރައްވާނެ ކަމަށާއި، މިގޮތުން ދުވާފަރުގައި އެސްޓީއޯގެ ފިއުލް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވެސް މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މަސްވެރިކަމުގެ ސިނާއަތަށް ދާއިމީ ހައްލެއް ހޯއްދެވުމަށް 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން މިހާރު ފަށާފައިވާ ކަމަށާއި، މިދިޔަ ދެ އަހަރު ތެރޭގައި ޖުމްލަ 1.7 ބިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރުގެ 9,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެ މަޤްސަދަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބުން ކަމަށެވެ. އަދި މަސް ބަންދުކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން އެކްސްޕޯޓު އާމްދަނީ 190 މިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އައު އުފެއްދުންތައް ނެރުމަށް 128 މިލިޔަން ރުފިޔާގެ އެހީއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 27.7 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

