ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައި، އަދި ނިމިފައިވާ ބައެއް މަޝްރޫޢުތައް ދުވާފަރުގައި ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށްޓަކައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ރަސްމީކޮށް ފައްޓަވައި، އަދި ނިންމަވާފައިވާ މަޝްރޫޢުތައް ހުޅުއްވައިދެއްވައިފިއެވެ.
މިކަންކަން ކުރިއަށްދިޔައީ ދުވާފަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުތަކެއްގައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ގެ އޭ.ޓީ.އެމް ޚިދުމަތް ފެށުން ހިމެނެއެވެ.
މީގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް (އެސް.ޓީ.އޯ) ހުޅުއްވައިދެއްވުމާއި، ދުވާފަރު ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ފެށުން ހިމެނެއެވެ. އަދި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމާއި، ހިއްކިބިން ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ 3 ވަނަ ފިޔަވަހީގެ އެއްބަސްވުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުންވެސް ކުރިއަށްދިޔައެވެ. 50 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި “އިރުން ހަކަތަ” ޕްރޮގްރާމްވެސް ވަނީ އިފްތިތާޙް ކުރައްވާފައެވެ.
ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައި، އަލަށް އިތުރުކުރެވުނު އިމާރާތް ހުޅުއްވައިދެއްވިއެވެ. މި އިމާރާތުގައި އެމަރޖެންސީ ރޫމް، އެކްސްރޭ، ދަތުގެ ފަރުވާ، އަދި އަލްޓްރާ ސައުންޑްގެ ޚިދުމަތްތައް ހިމެނެއެވެ. ކުޅިވަރުގެ ދާއިރާއިން އައުޓްޑޯ ވޮލީކޯޓު މަސައްކަތް ފެށުމާއި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. މީގެއިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ފައްޓަވައި، ޤައުމީ ޔުނިވަރސިޓީގެ ދަނާލް ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވިއެވެ.
މި ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައި ގަންނަވާނެއެވެ.


