
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ މީލާދީ އައު އަހަރުގެ މުނާސަބަތަކީ ގިނަ މުސްލިމުން ވެސް ބައިވެރިވާ ކަމެކެވެ. އެހެންނަމަވެސް މި މުނާސަބަތު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކާއި މިންގަނޑުތަކެއް ހުރެއެވެ. ޝަރުޢީ ނަޒަރަކުން ބަލާއިރު، އާދަކާދައެއްގެ ގޮތުން މި މުނާސަބަތު ފާހަގަކުރުމަކީ ހުއްދަކަމެއް ކަމުގައި ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެހެނީ އިސްލާމްދީނުގައި މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެކެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން އީދުގެ ގޮތުގައި ފާހަގަކުރަން އަންގަވާފައިވަނީ ޢީދުލް ފިޠުރި އަދި ޢީދުލް އަޟްޙާއެވެ. މީގެ އިތުރުން ޢާޝޫރާ ދުވަހާއި ހުކުރު އަދި ހޯމަ ދުވަސްފަދަ ދުވަސްތަކަކީވެސް އަޅުކަމުގެ ގޮތުގައި ފާހަގަކުރެވޭ ދުވަސްތަކެކެވެ. އެހެންނަމަވެސް މީލާދީ އައު އަހަރަކީ ދީނީގޮތުން ފާހަގަކުރަން ލާޒިމު ދުވަހެއް ނޫނެވެ. އެހެންކަމުން އެއީ ދީނީ މުނާސަބަތެއްގެ ގޮތުގައި ފާހަގަކޮށްގެން ނުވާނެއެވެ.
މީލާދީ ތާރީޚަކީ ޢީސާ ޢަލައިހިއްސަލާމްގެ އުފަންދުވަހާ ގުޅިފައިވާ ތާރީޚެކެވެ. އެކަލޭގެފާނަކީ އިސްލާމީ ޢަޤީދާގައި ޤަދަރުވެރި މަޤާމެއް ލިބިވަޑައިގެންފައިވާ ނަބިއްޔެކެވެ. އެހެންނަމަވެސް މިއަދު މަސީޙީން މި ތާރީޚު ފާހަގަކުރަނީ އެކަލޭގެފާނަކީ އިލާހެއް ނުވަތަ ﷲގެ ދަރިކަލެއްގެ ގޮތުގައި ދެކިގެންނެވެ. އެހެންކަމުން މުސްލިމުން މި މުނާސަބަތު ފާހަގަކުރަންވާނީ މަސީޙީންގެ ޢަޤީދާއާ ތަފާތު، އިސްލާމީ ވިސްނުމަކުންނެވެ.
އައު އަހަރު ފާހަގަކުރުމުގައި މުސްލިމުން އެންމެ ބޮޑަށް ސަމާލުވާންޖެހޭ އެއްކަމަކީ އެކަމުގައި ހަރާމް ކަންތައްތައް ނުހިމެނުމެވެ. މިގޮތުން ބަނގުރާ ބުއިމާއި، ޖުވާ ކުޅުމާއި، އަންހެނުންނާއި ފިރިހެނުން އެއްވެ ގައިގޯޅިވެ ނެށުންފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. އިސްރާފުކުރުމާއި، ބޭކާރު ޚަރަދުތައް ކުރުމަކީވެސް އިސްލާމްދީން ނަހީކުރައްވާފައިވާ ކަންކަމެވެ.
މުސްލިމުން ފާހަގަކުރާ ކޮންމެ މުނާސަބަތަކުންވެސް އިބުރަތް ލިބިގަތުމަކީ މުހިންމު ކަމެކެވެ. އައު އަހަރު ފެށުމާއެކު ވޭތުވެދިޔަ އަހަރު ކުރެވުނު ހެޔޮ ޢަމަލުތައް އިތުރުކޮށް، ނުބައި ޢަމަލުތަކުން ދުރުހެލިވުމުގެ ޢަޒުމް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނިޢުމަތްތަކަށް ޝުކުރުވެރިވެ، ކުރިއަށް އޮތް އަހަރު އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރުމަކީ މިފަދަ މުނާސަބަތެއްގެ އެންމެ މުހިންމު އެއް މަޤްޞަދު ކަމުގައި ވާންޖެހެއެވެ.
ނޭދެވޭ ބޭރުގެ ސަގާފަތްތައް އަށަގެންނެވުމަކީ މުސްލިމު މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިގޮތުން ‘ޑީޖޭ ޕާޓީ’ ނުވަތަ ‘ޑިސްކޯ’ ގެ ނަމުގައި ބޭއްވޭ ހަފްލާތަކުގައި ހިނގާ ފާޙިޝް ޢަމަލުތަކަކީ އިސްލާމީ އަޚްލާޤާ އެއްގޮތަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން ޒިނޭފަދަ ބޮޑެތި ފާފަތަކަށް މަގުފަހިވެ، މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ފޫގޮސް، ﷲގެ ކޯފާއަށް މަގުފަހިވެގެންދާނެކަން ކަށަވަރެވެ.
އެހެންކަމުން މީލާދީ އައު އަހަރު ފާހަގަކުރާނަމަ، އެކަން ކުރަންވާނީ އިސްލާމީ ރިވެތި އަޚްލާޤާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ދުޢާކޮށް، ހެޔޮކަންތައް އިތުރުކުރުމުގެ ޢަޒުމުގައި މި މުނާސަބަތު ފާހަގަކުރުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެކެވެ. ޒަމާނީވުމާއި ތަހުޒީބުގެ ނަމުގައި އިސްލާމީ އަޤީދާއާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މިފަދަ ކޮންމެ މުނާސަބަތަކުންވެސް މުސްލިމުން ހޯދަންވާނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމުގެ މަގެވެ.
ނޯޓް: މިލިޔުމަށް މައުލޫމާތު ނެގީ ޑރ. ސަޢުދުﷲ ޢަލީ، 28 ޑިސެމްބަރ 2024 ގައި މިހާރު ނޫހުގައި ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

