ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ހިތްދަތިކަންތަކުން ސަލާމަތްވުމަށް ހަރުދަނާ އަޤީދާއެއް އޮތުމަކީ މުހިންމުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
“ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން” މި މައުޟޫއަށް ޚާއްސަކުރި ޚުތުބާގައި ބުނެފައިވަނީ އިންސާނީ ހަޔާތަކީ އާންމުކޮށް ހިތްދަތިކަންތަކާއި އުނދަގޫތައް ދިމާވާ ހަޔާތެއް ނަމަވެސް، ކޮންމެ ދަތިކަމަކަށް ފަހު ލުޔެއް އަންނާނެކަން ކަށަވަރު ކަމަށެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި މުއުމިން އިންސާނާއަށް ހުރިހާ ކަމެއްގައި ވެސް ހެޔޮކަން ވާއިރު، އުފާވެރިކަމުގައި ޝުކުރުވެރިވާނެ ކަމަށާއި ހިތްދަތިކަމުގައި ކެތްތެރިވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހިތްދަތި ކަންކަމުން އަރައިގަތުމަށް އަޒުމާއި ހިތްވަރާއެކު މަސައްކަތްކުރަން ވާނެ ކަމަށް ބުނެފައިވާއިރު، އަގީދާ ވަރުގަދަ މީހުން ވެސް މާޔޫސްކަމަށް ވެއްޓިދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މާޔޫސްކަމަކީ އީމާންކަން ބަލިކަށިވުމުގެ ނަތީޖާއެއް ނޫންކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ އިންސާނީ ނަފުސުގެ ބަލިކަށިކަމުން ދިމާވާ ކަމެއްކަމަށް ބުނެ، އެފަދަ ހާލަތްތަކުން އަރައިގަތުމަށް ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ އަޒުމަކާއެކު ކުރިއަށް ދިއުމަށް ގޮވާލާފައިވެއެވެ.
ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާ މެދު އެތައް އާޔަތެއް ބާވައިލައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެއްކަމަށް ފާހަގަކޮށް، އެއީ މާޔޫސްކަމުގެ ނުރައްކަލުން އިންސާނާ ސަލާމަތްކުރުމަށް ކަނޑައަޅުއްވާފައިވާ އުސޫލެއް ކަމަށް ބުނެފައިވެއެވެ.
މުއުމިނުންނަކީ އެންމެ ބޮޑެތި މުސީބާތްތަކުގައިވެސް މާތްﷲގެ ރަހުމަތާއި ލުޔަށް އުންމީދުކުރާ ބައެއްކަން ފާހަގަކޮށް، އެކަލާނގެ މަގުގައި ސާބިތުވެ ތިބޭ މީހުން މާޔޫސްކަމަށް ނުވެއްޓޭނެކަން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ހިތްދަތިކަމުގެ ހާލަތުގައި ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށް ވެގެން، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓައިނުލުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ދިމާވާ ހިތާމަތަކާއި ހިތްދަތިކަންތައް ފިލުވުމަށް އެހީތެރިވާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވަނީ މާތްﷲއާ ވަކީލުކުރުމެވެ. މީގެ އިތުރުން ހެޔޮލަފާ މީހުންނާއެކު އުޅުމާއި، އެމީހުންގެ ނަސޭހަތްތައް އަޑުއެހުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
އަދި ކީރިތި ޤުރުއާން ކިޔަވައި، އޭގެ މާނަތަކާމެދު ވިސްނުމަކީ ކަންބޮޑުވުންތަކާއި ހިތްދަތިކަން ފިލުވުމުގެ އެންމެ މަތިވެރި ވަސީލަތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތައް ފަދަ އަޅުކަންތަކުން އިންސާނާ ޖިންނި އަދި އިންސީ ޝައިތާނުންގެ ނުބައިކަމުން ސަލާމަތްވާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މި ޒިކުރުތަކުގެ މާނަތަކާމެދު ވިސްނައި، އޭގެ ނަތީޖާއާއި ފައިދާތައް ޔަގީންކުރުމުން އަޅާއަށް މާއްދީ އަދި މައުނަވީ ބާރު އިތުރުވެގެންދާނެ ކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...