ސާޖިދާގެ ބޭބެ އިބްރާހިމް، މައުމޫނަށް: ބިންމަތީގައި ބޮޑާވެގަންނަނީ ކީއްވެގެންބާއޭ ހިތަށް އަރާ

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލުމަށްފަހު ރައީސްގެ ދެކަނބަލުންނާ ޖަލީސުން ސަލާމް ކުރަމުންދިޔަ ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދާ ބައެއް ފިރިހެނުން ސަލާމް ނުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ސާޖިދާގެ ބޭބެ އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ޖަނާބު އިއްބެ) ރައްދު ދެއްވައިފި އެވެ.
ރައީސް މައުމޫން އެކްސްގައި އިއްޔެ ވިދާޅުވީ ބައެއް ފިރިހެނުން ސާޖިދާއާ ސަލާމް ނުކުރެއްވުމުން ދެރަފުޅުވި ކަމަށެވެ.
މައުމޫންގެ ޕޯސްޓާ ގުޅިގެން ހަމަ އެކްސްގައި ސާޖިދާގެ ބޭބެ އިބްރާހިމް ރައްދު ދެއްވައި ވިދާޅުވީ ހިލޭ ފިރިހެނުން ކުރިމަތީގައި މުއުމިނު އަންހެންތަކުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަރަބި ބަސް ދަންނަ އެތައްބަޔަކު އެ ހުކުމަށް ބޯނުލަބާންވެގެން، ބިންމަތީގައި ބޮޑާވެގަންނަނީ ކީއްވެގެންބާއޭ ހިތަށް އަރާކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ރައީސް މައުމޫނަކީ ވެސް މިޞްރުގެ އަލް އަޒުހަރު ޔުނިވަސިޓީ އިން ދީނީ ތައުލީމް ހާސިލްކުރަށްވާފައިވާ ފުންނާބު އުސް ދީނީ އިލްމްވެެރިއަކަށްވާ އިރު ފިރިހެނުންނާއި އަންހެނުން ސަލާމްކުރުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ވެސް ވިދާޅުވި އެވެ.
އެެހެން ނަމަވެސް އެކަމުގައި ރާއްޖޭގައި ގިނަ ދީނީ އިލްމުވެރިން މައުމޫންގެ ރައުޔާމެދު ހިޔާލު ތަފާތެވެ. އަދި އެއީ ހުއްދަ ނޫން ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

