ބައިޑަންއަށް ޕާކިންސަން ބަލީގެ ފަރުވާ ދެމުންދާކަން ވައިޓްހައުސްއިން ދޮގުކޮށްފި

ބައިޑަންއަށް ޕާކިންސަން ބަލީގެ ފަރުވާ ދެމުންދާކަމަށް ދެކެވެމުންދާ ވާހަކަތައް ވައިޓްހައުސްއިން ދޮގުކޮށްފިއެވެ.
ވައިޓްހައުސްއިން ހޯމަ ދުވަހު ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ޕާކިންސަންސް ބަލީގެ ފަރުވާ ދެމުން ނުދާ ކަމަށެވެ.
މިގޮތަށް ބުނެފައިވަނީ މި ބަލީގެ ފަރުވާއަށް ޚާއްޞަވެފައިވާ ނިއުރޮލޮޖިސްޓެއް 8 މަސްދުވަހުގެ ތެރޭގައި 8 ފަހަރު ވައިޓްހައުސްއަށް ޒިޔާރަތްކޮށްފައިވާކަން ވައިޓްހައުސްގެ ޒިޔާރަތްކުރާ މީހުންގެ ލިސްޓުން ދައްކާތީއެވެ.
ވައިޓްހައުސްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މަޢުލޫމާތުން ދައްކާ ގޮތުގައި ޑރ. ކެވިން ކަނާޑް ވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަހަރުގެ މާރިޗު މަހާ ހަމައަށް 8 ފަހަރު ވައިޓްހައުސްއަށް ޒިޔާރަތްކޮށްފައެވެ. ނަމަވެސް ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ޑރ. ކަނާޑް ވައިޓްހައުސްއަށް ޒިޔާރަތްކުރިކަން އެނގޭކަށް ނެތެވެ.
ޑރ. ކަނާޑްގެ ލިންކްޑްއިން ޕްރޮފައިލްގައި ބުނެފައިވަނީ އޭނާއަކީ “ވައިޓްހައުސް މެޑިކަލް ޔުނިޓަށް އެހީތެރިވާ” ނިއުރޮލޮޖިސްޓެއް ކަމަށެވެ. އަދި އޭނާ ވަނީ ޕާކިންސަންސް ބަލީގެ ފުރަތަމަ މަރުޙަލާގެ ފަރުވާއެއްގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެހެން ޕްރޮފައިލެއްގައި ބުނެފައިވެއެވެ.
ޑރ. ކަނާޑް ވައިޓްހައުސްއަށް ކުރި ޒިޔާރަތްތަކުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ މަހު ރައީސް ބައިޑަންގެ ޑޮކްޓަރު ކެވިން އޯކޮނަރާ ބައްދަލުކުރި ބައްދަލުވުމެއްވެސް ހިމެނެއެވެ. މި ބައްދަލުވުމުގައި އިތުރު 3 މީހުން ބައިވެރިވިކަމަށް ވައިޓްހައުސްގެ ލިސްޓުން ދައްކައެވެ.
ރައީސް ބައިޑެން ރިޔާސީ ރޭހުގައި ވާދަކުރައްވަމުން ގެންދަވާއިރު، އޭނާގެ ސިއްހީ ހާލުކޮޅާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައިވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. އޭނާއަށް ތާއީދުކުރާ ޑިމޮކްރެޓްސް އިން ވެސް ބުނަނީ ރިޔާސީ ރޭހުން ބައިޑެން ވަކިވުން އެއީ މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައެވެ.


