ޚަބަރު

މަސް ދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާ ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފި

ދިވެހި މަސް ދޯނިތަކަށް ހަތިޔާރާއެކު އެރި ބޭރުގެ ސިފައިން އެ ހަތިޔާރާއެކު ހަރަކާތްތެރިވަމުންދިޔަ ވީޑިއޯ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފިއެވެ.

އެ ޔޫނިއަނުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާގެ ސިފައިން ކަމަށް ބެލެވެއެވެ.

އެގޮތުން ހަރަކާތްތެރިވި ސިފައިންގެ ޔުނީފޯމުގައި ހަރުކޮށްފައި ހުރި ދެ ނިޝާނެއް ފެންނަންހުރިއިރު އެއީ އިންޑިއާގެ ނޭވީން ބޭނުން ކުރާ ދެ ނިޝާނެވެ.
ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މަސް ދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އަރައިގެ އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ. އަދި އެކަން ބެލުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު އޮންލައިން ނޫސް “މިހާރު”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ދޯނި އޮތް ސަރަހައްދުގައި އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. އަދި އެއިން އެއް އުޅަނދުން ޑްރޯނެއް ފޮނުވައިގެން ބެލުމަށްފަހު ދޯންޏާ ކައިރިކޮށް ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރަން ފެށި ކަމަށެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެ ދޯންޏަށް އެރީ އިންޑިއާ ސިފައިންގެ 6 މީހުންނެވެ. ސެޓެލައިޓު ފޯނު ނަންބަރު ހޯދަން އުޅުމުން އެ ނަންބަރު ނުދިނުމުން އެމީހުން ދޯނި ހިފަހެއްޓީކަމަށާއި، އެ ނަންބަރު ނުދިނުމުން ފަޅުވެރިންނަށް ބިރުވެސް ދައްކާފައިވާކަމަށް ކެޔޮޅާ ހަވާލާދީ ނާޝިދު “މިހާރު”އަށް މައުލޫމާތުދެއްވިއެވެ.
އިންޑިއާ ސިފައިން ދޯންޏަށް އެރުމާ ހަމައިން ކެޔޮޅު ކޯސްޓުގާޑާ މުވާސަލާތުކުރިކަމަށާއި، ސެޓެލައިޓު ފޯނުގެ ނަންބަރު އިންޑިއާ ސިފައިންނަށް ނުދިނުމަށް ކޯސްޓުގާޑުން އިރުޝާދު ދިންކަމަށްވެސް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ.
އިންޑިއާގެ ދިފާއުގައި ވާހަކަދައްކާ ބައެއް ފަރާތްތަކުން އެ ދޯނި އޮތީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތީޞާދީ ސަރަހައްދުން ބޭރުގައިކަމަށް ބުނި ނަމަވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުޅަނދުތައް މޮނީޓާކުރަން މިނިސްޓްރީން ގެންގުޅޭ ވަސީލަތްތަކުގެ ޒަރީއާއިން އެ ދޯނި ހަރަކާތްތެރިވީ ރާއްޖޭގެ އިމުގެ ތެރޭގައިކަން ޔަގީންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރުމަކީ ރާއްޖޭގެ ސަރަހައްދީ ސިޔާދަތަށް އިހުތިރާމުނުކުރުންކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close