ދޯންޏަށް އެރި އިންޑިއާ ސިފައިންވަނީ ފަޅުވެރިންނަށް ބިރުދައްކާފައި: ދޯނީގެ ކެޔޮޅު

ރާއްޖޭގެ އުތުރު ކަނޑުގައި މަސްވެރިކަމަށް ނިކުމެއުޅުނު އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އަރައި ދޯނީގެ ފަޅުވެރިންނަށް ވަނީ ބިރުދައްކާފައިކަމަށް އެދޯނީގެ ކެޔޮޅު ބުނެފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުގެ ރައީސް ހުސައިން ނަޝީދު އޮންލައިން ނޫސް “މިހާރު”އަށް ދެއްވި ބަސްދީގަތުމެއްގައި އެ ދޯނީގެ ކެޔޮޅާ ހަވާލާ ދެއްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގެ އުތުރު ކަނޑުން ތިން ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ކަމަށެވެ. އެގޮތުން “އަސުރުމާ-3″، “ނެރު-7” އަދި “މާހޯރާ-3” ދޯންޏަށް އިންޑިއާ ސިފައިން އެރިކަމަށް އޭނާ ވިދާޅުވިއެވެ.
އަސުރުމާ-3ގެ ކެޔޮޅާ ހަވާލާދީ ނާޝިދު ވިދާޅުވެފައިވަނީ އެ ދޯނި އޮތް ސަރަހައްދުގައި އިންޑިއާ ކޯސްޓުގާޑުގެ ދެ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. އަދި އެއިން އެއް އުޅަނދުން ޑްރޯނެއް ފޮނުވައިގެން ބެލުމަށްފަހު ދޯންޏާ ކައިރިކޮށް ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރަން ފެށި ކަމަށެވެ.
ނާޝިދު ވިދާޅުވި ގޮތުގައި އެ ދޯންޏަށް އެރީ އިންޑިއާ ސިފައިންގެ 6 މީހުންނެވެ. ސެޓެލައިޓު ފޯނު ނަންބަރު ހޯދަން އުޅުމުން އެ ނަންބަރު ނުދިނުމުން އެމީހުން ދޯނި ހިފަހެއްޓީކަމަށާއި، އެ ނަންބަރު ނުދިނުމުން ފަޅުވެރިންނަށް ބިރުވެސް ދައްކާފައިވާކަމަށް ކެޔޮޅާ ހަވާލާދީ ނާޝިދު “މިހާރު”އަށް މައުލޫމާތުދެއްވިއެވެ.
އިންޑިއާ ސިފައިން ދޯންޏަށް އެރުމާ ހަމައިން ކެޔޮޅު ކޯސްޓުގާޑާ މުވާސަލާތުކުރިކަމަށާއި، ސެޓެލައިޓު ފޯނުގެ ނަންބަރު އިންޑިއާ ސިފައިންނަށް ނުދިނުމަށް ކޯސްޓުގާޑުން އިރުޝާދު ދިންކަމަށްވެސް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ.
އިންޑިއާގެ ދިފާއުގައި ވާހަކަދައްކާ ބައެއް ފަރާތްތަކުން އެ ދޯނި އޮތީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތީޞާދީ ސަރަހައްދުން ބޭރުގައިކަމަށް ބުނި ނަމަވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުޅަނދުތައް މޮނީޓާކުރަން މިނިސްޓްރީން ގެންގުޅޭ ވަސީލަތްތަކުގެ ޒަރީއާއިން އެ ދޯނި ހަރަކާތްތެރިވީ ރާއްޖޭގެ އިމުގެ ތެރޭގައިކަން ޔަގީންވާ ކަމަށެވެ.
އެމްއެންޑީއެފުން ހަވީރު މައުލޫމާތުދިން ގޮތުގައި އެ މައްސަލަ ފެންމަތިވުމާއެކު، ކޯސްޓުގާޑުގެ އުޅަނދެއް އެ ހާދިސާ ހިނގި ސަރަހައްދަށްވަނީ ފޮނުވާފައެވެ. އަދި އެ މައްސަލަ ބެލުމުގެ މަސައްކަތް އެ އިދާރާއިންވަނީ ފަށާފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރުމަކީ ރާއްޖޭގެ ސަރަހައްދީ ސިޔާދަތަށް އިހުތިރާމުނުކުރުންކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.


