ރައީސްގެ ވަޢުދާއި އެއްގޮތަށް ޖޫރިމަނާތައް މަޢާފު ކޮށްދެއްވައިފި

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން އަދި ވެރިކަމަށް އިންތިހާބުވެ ވަޑައި ގެންނެވުމަށްފަހުވެސް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ސޯޝަލް ހައުސިން ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދީ އެ ފްލެޓްތަކުގެ ކުލި ދެން ނުދެއްކުމުން ޖޫރިމަނާ ކުރާ އަދަދު ކުޑަކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިސަރުކާރުގެ ފަރާތުން އެކަންތައްތައް ބެލެހެއްޓުމަށް ހަވަލުކޮށްފައިވާ ކުންފުނި އާބަންކޯއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އާބަންކޯގެ މި ބަޔާނުގައި ބުނެފައިވަނީ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މިއަދާ ހަމައަށް މާފު ކޮށްދޭނނެ ކަމަށައި ، ‘ޕެނަލްޓީ ރިލީފް’ގެ ދަށުން ފްލެޓަށް މިހާތަނަށް ދައްކަން ޖެހި، ނުދެއްކިފައިވާ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައި ދޭނެކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފައިސާ ނުދެއްކިގެން އަރާ ޖޫރިމަނާ ‘ފިކްސްޑް ޕެނަލްޓީ’އަކަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި ވަނީ
ފައިސާ ދެއްކުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ މަހަކު ދައްކަން ޖެހޭ އަދަދުގެ %1 ކަމަށާއި އަދި މި ބަދަލާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުވެގެން ނުދާނެ ކަމަށާއި، މަހަކު ނެގޭ %1 ޖޫރިމަނާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެފަރާތައް ވެސް އެނގޭނެ ކަމަށް އާބަންކޯ އެ ބަޔާނުގައި ބުނެފައިވެއެވެ.
އާބަންކޯގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ އެ ކުންފުންޏަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
