ހިޔާފުލެޓް ފިނިޝިންއަށް ފައިސާދޭން ހަމަޖެހިފައިވާގޮތް ސާފުކުރުމަށް މިނިސްޓަރ މަޖިލިހަށް ހާޒިރުކުރަނީ

މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ ހިޔާފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އެތަންތަން ނިންމުމަށް ކުރި ޚަރަދަށް ހޭދަވި 200000 (ދެލައްކަ ރުފިޔާ) މި ސަރުކާރުން ދިނުމަށް ހަމަޖެހިފައިވަނީ ކޮން ގޮތަކަށްތޯ ސާފުކުރުމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އާއި ސުވާލުކުރަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ހުށަހަޅުއްވައިފި އެވެ.
މިގޮތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިޖިލިހަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި ފައިސާ ދޭން ރާވާފައިވާ ގޮތާއި އެ ފައިސާ ދޭން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފަ އެވެ.
ނިމިދިޔަ ދަޢުރުގެ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހިޔާ ފުލެޓްތައް އެތަންތަނުގެ ވެރިފަރާތާއި ހަވާލު ކޮށްފައިވަނީ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުނިންމައެވެ. މިހެން ކަމުން މިތަންތައް ނިންމުމަށްޓަކައި އެތަންތަން ލިބުނު ފަރާތްތަކުންވަނީ އަމިއްލަ ޖީބުން ވަރަށް ބޮޑު ޚަރަދުތަކެއް ކޮށްފައެވެ. އެކަންތައްތައް ހައްލުކޮށް ދިނުމަށްޓަކައި ރައީސް ޑރ.މުއިއްޒު ކެންޕެއިން ތެރޭގައި ހިޔާފުލެޓްގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވެލެއްވި އެންމެ ބޮޑު އެއް ވަޢުދަކީ އެރައްޔިތުންގެ އަތުން ޚަރަދުވި ފައިސާގެ ބަދަލުގައި ކޮންމެވެސް ވަރެއް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ އަދި އެދަދަކީ 200000 (ދެލައްކަ ރުފިޔާ) ކަންވެސް ވަނީ ފަހުން އިޢުލާނު ކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިއްޔެ އައްޔަންކުރެއްވި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ ރައީސްގެ ވައުދާ އެއްގޮތަށް އެ ފައިސާ ހަމަޖައްސައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލިސްގެ އެމްޑީޕީއަށް ނިސްބަތްވެލައްވާ މެމްބަރުން މިހާރު ގެންދަވަނީ ވަޒީރުންނާއި ސުވާލު ކުރެއްވުމަށް އެދިލައްވަމުންނެވެ.

