ޑޮމައިނާ ގުޅޭ ގޮތުން ޓްރާންސްޕޯޓުން ކުރަމުން އައި ހުރިހާ މުއާމަލާތްތަކެއް ކުރުން ހުއްޓައިލަން އަންގައިފި

ރައީސް އޮފީހުން ވަކި ގޮތެއް ނިންމަންދެން ޑޮމައިނާ ގުޅޭ ގޮތުން ޓްރާންސްޕޯޓުން ކުރަމުން އައި ހުރިހާ މުއާމަލާތްތަކެއް ކުރުން ހުއްޓައިލަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަންގަވައިފިއެވެ.
މިކަން އަނަގަވާފައިވަނީ ރައީސް އޮފީހުން އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައެވެ.
މި ސިޓީ ފޮނުވިއިރު އެ ވުޒާރާގެ ނައިބުވަޒީރުގެ މަޤާމުގައި ހުންނެވި ޙަމަދު ޢަބްދުލްޣަނީވަނީ މިނިސްޓަރު ޢާއިޝަތު ނަހުލާ ޤަވާއިދާ ޚިލާފަށް ޑޮމައިން ވިއްކަވައިގެން ހޯއްދެވި ކަޅު ފައިސާ ފޮރުވާފައި ހުރި ތަންތަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ނަހުލާއަށް ގިނަ ތުހުމަތުތަކެއް ކުރައްވައި ފޮނުއްވި ސިޓީއެއް ޙަމަދުވަނީ މީސްމީޑިއާގައި މިއަދު އާންމުކުރައްވާފައެވެ.
ހަމަދު އެ ސިޓީ ލިޔެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންގުޅެއް ޖެހޭ ސުލޫކީ މިންގަނޑާ އޭނާ ޚިލާފުވެފައިވާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އޭނާއާ ހަވާލުކޮށްފައިވާ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުތަކާއި ގުޅޭ އެންމެހައި މަސައްކަތްތައް ސްޓޭޓް މިނުސްޓަރު އަހްމަދު ޒުހައިރުއާ ހަވާލުކޮށްފައިވާކަމަށް ބުނެ މި މަހުގެ 27 ވަނަ ދުވަހު އިންޓާނަލް މެމޯއެއް ފޮނުވުމާއި ގުޅިގެންނެވެ.
މި މައްސަލަ ފެންމަތިވެފައިވަނިކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިނިސްޓަރު ނަހުލާއަށް ފޮނުއްވި ސިޓީއެއްގެ ކޮޕީއެއް “ދިޔަރެސް”އަށްވަނީ ލިބިފައެވެ. އެ ސިޓީގައި އަލީ ޒާހިރުވެސް ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ޓްރާންސްޕޯޓުން ޑޮމައިން ވިއްކަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ޑޮމައިން ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ޤަވާއިދުގެ 6 ވަނަ މާއްދާގައި ޑޮމައިން ވިއްކުމުގެ މައްސަލަ ހައްލުކުރަން ޚާއްޞަ ކޮމިޓީއެއް ކަނޑައަޅާފައި އޮންނަކަމަށާއި، އަދި ޤަވާއިދުގައި ބުނެފައިވަނީ ޑޮމައިން ވިއްކަންވާނީ އާންމުކޮށް އިއުލާނުކޮށްގެން އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް ކަމުގައި ޤަވާއިދުގައި ބަޔާންކުރާ ކަމަށެވެ.
ނަމަވެސް ޑޮމައިން ވިއްކުމުގެ މައްސަލައާ ގުޅިގެން އެކުލަވައިލަން ޤަވާއިދުގައި ބަޔާންކުރާ ކޮމިޓީ މިނިސްޓްރީން އުފައްދާފައިނުވާކަން ފާހަގަކުރެވޭކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަން ކުރަނީ ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން ޤަވާއިދާ ޚިލާފަށްކަން ފާހަގަވާކަމުގައި އަލީ ޒާހިރުގެ ސިޓީގައި ބަޔާންކޮށްފައެވެ.
އެކަންކަން ފާހަގަކުރައްވައި އަލީ ޒާހިރު އެދިވަޑައިގެންފައިވަނީ މިހަތަނަށް ޚިދުމަތް ދެވިފައިވާ ޑޮމެއިންތަކާ ގުޅޭ ތަފުސީލާއި ޑޮމައިން ވިއްކުމާ ގުޅޭ ގޮތުން މިނިސްޓްރީން އަމަލުކުރި އުސޫލާއި، ޑޮމައިން ވިއްކުމުގައި ޤަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ސަބަބެއް ވީހާވެސް އަވަހަށް ރައީސް އޮފީހަށް އަންގަވައިދެއްވާށެވެ.
ހަމައެހެންމެ އެ މައްސަލާގައި ރައީސް އޮފީހުން ވަކި ގޮތެއް ނިންމަންދެން ޑޮމައިނާ ގުޅޭ ގޮތުން ޓްރާންސްޕޯޓުން ކުރަމުން އައި ހުރިހާ މުއާމަލާތްތަކެއް ކުރުން ހުއްޓައިލަންވެސް އެ ސިޓީގައި އަންގަވާފައިވެއެވެ.




