އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަރަންސޭސިވިލާތަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަށްފަހު އަންނަ ހޮނިހިރު ދުވަހު އަބޫދާބީއަށް ވަޑައިގަންނަވާނެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޯދީ ޔޫއޭއީގެ ރައީސް ހިޒް ހައިނެސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ލީޑަރުން ބައްލަވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
“އިންޑިއާ-ޔޫއޭއީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނާޝިޕް ވަރަށް ބޮޑަށް ހަރުދަނާވަމުން އަންނަ އިރު، ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ހަކަތަ، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކާބޯތަކެތީގެ ރައްކާތެރިކަން، ފިންޓެކް، ޑިފެންސް އަދި ކަލްޗާ ފަދަ ދާއިރާތަކުން މިކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ދެނެގަތުމުގެ ފުރުސަތަކަށް ވެގެންދާނެ،” މިނިސްޓްރީން ބުންޏެވެ.
މޯދީ ފްރާންސަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަންނަ ހުކުރު ދުވަހު ބާއްވާ ބެސްޓިލް ޑޭ ޕެރޭޑްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ދައުވަތު އަރުވާފައިވާއިރު، އެ ޕެރޭޑްގައި ޓްރައި ސާވިސް އިންޑިއާ ސިފައިންގެ ކޮންޓިންޖެންޓެއް ބައިވެރިވާނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރަސްމީ ޖާފަތެއްގެ އިތުރުން ޕްރައިވެޓް ފަރިއްކޮޅެއް ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ މޯދީ ރަސްމީ މަޝްވަރާތަކެއް ކުރައްވާނެ އެވެ.
“ފްރާންސްގެ ބޮޑުވަޒީރާއި ސެނެޓާއި ފްރާންސްގެ ނޭޝަނަލް އެސެމްބްލީގެ ރައީސުންނާ ވެސް ބޮޑުވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފްރާންސްގައި ތިބި އިންޑިއާ ޑައިސްޕޯރާއާއި އިންޑިއާ އާއި ފްރާންސްގެ ކުންފުނިތަކުގެ ސީއީއޯއަދި ފްރާންސްގެ މަޝްހޫރު ފަރާތްތަކާ ވަކިވަކިން މޯދީ ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިއަހަރަކީ އިންޑިއާ-ފްރާންސް ސްޓްރެޓެޖިކް ޕާޓްނާޝިޕަށް 25 އަހަރު ފުރޭ އަހަރު ކަމަށާއި ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ސަބަބުން ސްޓްރެޓެޖިކް، ސަގާފީ، ސައިންޓިފިކް، އިލްމީ އަދި އިގްތިސާދީ އެއްބާރުލުން ފަދަ ތަފާތު ދާއިރާތަކުން މުސްތަގުބަލަށް ޓަކައި މި ޕާޓްނާޝިޕްގެ މަގު ޗާޓު ރޭވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.


