ދިއްލީ ޔުނިވާސިޓީގެ ސަތޭކަ އަހަރު ފުރުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު މޯދީ ވަޑައިގަތުމަށް ޕަބްލިކް ޓްރާންސްޕޯޓް މެޓްރޯ ބޭނުންކޮށްފި

ދިއްލީ ޔުނިވާސިޓީ (ޑީޔޫ) އަށް ސަތޭކަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕަބްލިކް ޓްރާންސްޕޯޓުން ދަތުރުކުރެއްވި އިރު، އޭނާ މެޓްރޯގައި އިންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މިދިޔަ ހުކުރު ދުވަހު ވަނީ ވައިރަލްވެފައެވެ.
ޑީޔޫގެ ސަތޭކަ އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.
ބޮޑުވަޒީރުގެ ރަސްމީ ޓްވިޓާ އެކައުންޓުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި މޯދީ މެޓްރޯގައި ވަޑައިގެން، އެކުގައި ދަތުރުކުރާ ފަސިންޖަރުންނާ ވަރަށް ބޮޑަށް މުއާމަލާތް ކުރައްވަ އެވެ. އޭނާގެ ރަސްމީ ގެއާ އެންމެ ކައިރީގައި އޮންނަ ލޮކް ކަލިއާން މަގު މެޓްރޯ ސްޓޭޝަނުން ޑީޔޫ ހުންނަ ވިޝްވާ ވިދްޔަލާ މެޓްރޯ ސްޓޭޝަނަށް އޭނާ ދަތުރުކުރެއްވި އެވެ.
މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ޓްވިޓާ ހޭންޑަލް އިން ވެސް ވަނީ ވަރުގަދަ ސެކިއުރިޓީއެއްގެ ތެރޭގައި ބޮޑުވަޒީރު ސްމާޓް ކާޑެއް ބޭނުންކޮށްގެން މެޓްރޯ ސްޓޭޝަނަށް ވަދެވަޑައިގަންނަވާ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ޑީޔޫގެ އިޙްތިފާލުތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވަނީ މެޓްރޯގައި އޭނާ ދަތުރުކުރެއްވި އިރު ކުރެވުނު ތަޖުރިބާއާއި ދަރިވަރުންނާ ގުޅޭގޮތުން ގިނަ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ.
“މިތަނުގެ ދަރިވަރުންނެކޭ އެއްފަދައިން އަޅުގަނޑު ވެސް މިއަދު ދަތުރުކުރީ މެޓްރޯގައި. ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭގެ އިތުރުންވެސް ދަރިވަރުންގެ ޔުނިވަރސިޓީ ތައުލީމްގައި ދިމާވާނެ ގޮންޖެހުންތަކާއި އެކުދިން ކިޔަވާ މާއްދާތަކާ ބެހޭގޮތުންވެސް ގިނަ ވާހަކަ ތައް މޯދީގެ ތަޤްރީރުގައި ހިމެނުއްވިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަފްލާގައި މޯދީ ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވުމާއެކު ލައިވް ޓެލެކާސްޓްގެ އެޓެންޑެންސް ދަރިވަރުންނަށް މަޖުބޫރުކުރި އެވެ. ނަމަވެސް ޑީޔޫގެ އިދާރީ އޮފީހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި، ތަޢުލީމީ މަރުކަޒުތައް އިންޑިއާގައި އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެންމެ ފަހުގެ ކިއުއެސް ގްލޯބަލް ރޭންކިންގައި ހިމެނުނު އިންޑިއާގެ ޔުނިވަރސިޓީތައް 2014 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ފަހުން 12 އިން 45 އަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ހިންދޫ މެޖޯރިޓީ އޮންނަ އިންޑިއާގައި މޯދީ އިތުރު ދައުރަކަށް ވެރިކަމުގައި ހުންނެވުމަށް ކުރައްވަމުން ގެންދާ މަސައްކަތްޕުޅުގެ ދަށުން މިފަދަ އެތައް އާދަޔާ ޚިލާފު ކަންތައްތައް ކުރިއަށް އޮތްތާންގައިވެސް މޯދީގެ ފަރާތުން ފެންނާނެކަމަށް މަޝްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

