ރާއްޖެއިން ސީޝެލްސްއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ރާއްޖެއިން އެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސޮއި ކުރެވުނު އެއްބަސްވުންތަކަކީ:
- ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރުމުގެ މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުން
- ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުން
- ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުން އާކޮށް ސޮއިކުރުން
- ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަަލް އޮގަނައިޒްޑް ކްރައިމް އެންޑް އަަދާ މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓު އެއްބަސްވުން
ރައީސް އޮފީހުގައި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެހެނިހެން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ދެ ގައުމުގެ ވެރިން މީޑިއާތަކަށް ދެއްވި ބަޔާނުގައި ދެ ރައީސުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތައް ކުރެވި އަމަލީ މަސައްކަތްތަކެއް އެކަމުގައި ކުރެވެމުން އަންނަކަމަށް ވިދާޅުވެފައެވެ.

