ރިޕޯޓްދީން

ޑެންމާކުގައި އަނެއްކާވެސް ގުރުއާން އެންދުމާއި ގުޅިގެން އަރަބި ގައުމުތަކުން އިންޒާރުދީފި

މިދިޔަ ހުކުރުދުވަހު ޑެންމާކުގައި ގުރުއާނުގެ ކޮޕީއެއް އަންދާލުމާ ގުޅިގެން ނާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުން އިތުރުވެ، އެކަމުގެ ސަބަބުން ދުނިޔޭގެ އެއްބައިވަންތަކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަރަބި ގައުމުތަކުން އިންޒާރު ދީފި އެވެ. މިހާދިސާއާ ގުޅިގެން މުސްލިމް ދުނިޔޭގައި ގިނަބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، ބައެއް ގައުމުތަކުގައި ދަނީ މުޒާހަރާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މުސްލިމުންނާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ޕެޓްރިއޮޓަރން ގާ، ފޭސްބުކްގައި ލައިވް ކޮށް ދެއްކީ ކޮޕަންހޭގަންގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ޤުރުއާނުގެ ކޮޕީއަކާއި ތުރުކީގެ ދިދަ އަންދާލަމުންދިޔަ މަންޒަރެވެ. އެކަންކުރަމުން ދިޔައިރު ސަޕޯޓަރުން އިސްލާމް ފޯބިކް މެސެޖުތައް ލިޔެފައިވާ ބެނާތަކެއް ހިފައިގެން އަޑުއުފުލަމުން ދިޔައެވެ.

އޭގެ ރައްދުގައި އަރަބި 22 ގައުމެއްގެ ޖަމިއްޔާއެއް ކަމަށްވާ އަރަބި ލީގުން ވަނީ އެ އަމަލު ކުށްވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން އިތުރުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި މުސްތަގުބަލުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ތުރުކީ މުސްލިމުން ، ޑެންމާކްގެ ދިދަ އަންދާލަނީ–

އަދި ކީރިތި ޤްރްއާން އަންދާލުމަކީ ދީނާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އުޞޫލުތަކާ ޚިލާފު ހިތާމަވެރި ޢަމަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ މުސްލިމުންނާ މެދު ނަފްރަތާއި ތަފާތުކުރުން އުފައްދަން ކުރާ ކަމެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދިނާ ދެކޮޅު މީހުން ހިންގާ އަމަލުތަކާ ދެކޮޅަށް އުރުދުން، ކުވައިތު އަދި ގަތަރުން ވެސް ބުނީ އެ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި ނަފްރަތު އުފެދިފައިވާ ކަމަށެވެ.

އަރަބި ލީގުން ޑެންމާކުގެ ސަރުކާރަށް ގޮވާލާފައި ވަނީ އެ އަމަލު ހިންގި ފަރާތާ މެދު އަވަސް ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ އުދަގޫތަކުން އަރައިގަތުމަށާއި ހުރިހާ ދީންތަކާއި ޘަޤާފަތްތަކުގެ މީހުންގެ މެދުގައި ކެތްތެރިކަމާއި ވިސްނުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ވެސް އެބޭފުޅުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި އަލްއަޒްހަރުގެ ގްރޭންޑް އިމާމު އައްޝައިޚް އަޙްމަދު އަލްޠައްޔިބު ފަދަ މުސްލިމް ބައެއް ލީޑަރުންނާއި ޖަމްޢިއްޔާޖަމާޢަތްތަކުންވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިއީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެއީ އިސްލާމީ ރިވެތި އަޚްލާޤާއި ޚިލާފު ޢަމަލެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުވައިތުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައި ވަނީ ޤުރުއާން އަންދާލުމަކީ ދުނިޔޭގެ މުސްލިމުންގެ ރުޅިވެރި ފާޑުކިޔުންތަކެއް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.

އެމިނިސްޓްރީން ގޮވާލީ ކުށްވެރިން ޖަވާބުދާރީ ކުރުމަށާއި، “ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނަށް ނުވަތަ އެހެން ދީނަކަށް ވެސް ފުރައްސާރަ ކުރުމަށް ބޭނުންކުރެވޭ އެއްޗެއް ނޫންކަން” ޔަގީންކުރުމަށެވެ.

އަދި ގަތަރުން ވަނީ ޤުރުއާނުގެ ކޮޕީއެއް އަންދާލުމަކީ “އެންމެ ހަރުކަށި އިބާރާތުން” ކުށްވެރިކޮށް، އެންމެ ފަހުގެ ހާދިސާއަކީ މުސްލިމުންނަށް އަމާޒުކޮށްގެން ހިނގާ ހާދިސާތައް “ނުރައްކާތެރި ގޮތެއްގައި އިތުރުވުމެއް” ކަމަށް އިންޒާރު ދީފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދައުވާގެ ދަށުން ޤުރުއާން އަންދާލުމަކީ “ސުލްހަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމުގެ އަގުތަކަށް ނުރައްކާވާ ކަމެއް ކަމަށާއި، ނަފްރަތު އުފެދޭ ދެގުނަ މިންގަނޑުތައް ހާމަވާ ކަމެއް” ކަމަށެވެ.

އެ މިނިސްޓްރީން ވަނީ “ޢަޤީދާ، ނަސްލެއް ނުވަތަ ދީނެއްގެ މައްޗަށް ބިނާކޮށް ނަފްރަތު އުފެދޭ ހުރިހާ ގޮތަކުން ވާހަކަ ދެއްކުމަށް” ގަތަރުން ދެކޮޅު ހަދާކަން އަލުން ކަށަވަރުކޮށްދީފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައި ވަނީ “ނަފްރަތާއި ތަފާތުކުރުމާއި ބާރުއެޅުމާއި އަނިޔާވެރިކަމާ ދެކޮޅު ހަދައި، މަޝްވަރާއާއި ދެފަރާތުގެ ވިސްނުމުގެ އުސޫލުތައް ހިފެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

ޑެންމާކުގައި ބޮޑުވަޒީރު މެޓް ފްރެޑެރިކްސަން ވެސް ވަނީ މި ކަން ކުށްވެރިކުރައްވައި މިއީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ޑެންމާކުގެ ސަރުކާރުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައި، އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މި ހާދިސާގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެ މިނިވަންކަމުގެ ލިމިޓްތަކުގެ ބަހުސް ވަނީ ހޫނުވެފައެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހިމާޔަތްކުރަންޖެހޭ އަސާސީ ހައްގެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި އެ ހައްގަކީ އެއްވެސް ދީނީ ނުވަތަ ނަސްލެއްގެ ބަޔަކާ މެދު އިހާނެތިކޮށް ނުވަތަ ނަފްރަތު އުފައްދަން ބޭނުންކޮށްގެން ނުވާނެ ހައްގެކެވެ.

ކީރިތި ޤުރުއާން އަންދާލުމުގެ ހާދިސާއިން ވެސް ވަނީ އެކިދީންތަކުގެ މީހުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކުގެ ވިސްނުން ކުރިއެރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. ނަފުރަތާއި ނުތަނަވަސްކަމުގެ ސަބަބުން ބައިބައިވުމުގެ ފުރުޞަތު ފަހިވެގެން ދިނުމުގެ ބަދަލުގައި ތަފާތު ދީންތަކާއި ޘަޤާފަތްތަކުގެ މީހުން އެއްތަނަކަށް އެއްވެ، ބްރިޖްތައް ބިނާކޮށް، އެކަކު އަނެކަކަށް އިޙްތިރާމާއި ވިސްނުން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close