ލަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ކުށްޔަށް ދޫކުރާ ދަނޑުބިން، ބަޔަކާ ހަވާލުކޮށްފި
ދަނޑުވެރިކަން ދިރުވާ އާލާކުރުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ލަންދޫގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން ކުށްޔަށް ދޫކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެކަމަށް ބޭނުންވި ފަރާތަށް ދަނޑުބިން ހަވާލުކޮށްފިއެވެ.
15 އަހަރުގެ މުއްދަތަށް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އާއި ލަންދޫ ކައުންސިލްގެ ފަރާތުން ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ލަންދޫ ހެލްތްސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ލަންދޫ ހެލްތްސެންޓަރުގެ ސެމިނާރ ރޫމްގައި ބޭއްވި މިރަސްމިއްޔާތުގައި ލަންދޫ ކައުންސިލްގެ އިތުރުން ރަށުގެ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ.

މަހަކު -/15،075 ރުފިޔާގެ ކުއްޔަކަށް، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވަނީ ލަންދޫ “ބަންޑާރަފަޅި” ކިޔާ ސަރަހައްދުން ބައެކެވެ. އެއީ މީގެ ކުރިންވެސް ދަނޑުވެރިކަމަށް ދޫކުރާ ޚާއްޞަ ސަރަޙައްދެކެވެ.
ގާތްގަނޑަކަށް ދެމިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް މިކަމަށް ކުރާނެ ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އިން ވަނީ ބުނެފައެވެ.
ލަންދޫ ބަންޑާރަފަޅި ކިޔާ ސަރަޙައްދުން ބައެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ކުށްޔަށް ދީފައިވާއިރު، ލަންދޫ ބަންޑާރަފަޅިއަކީ ލަންދޫ ރައްޔިތުންގެ ނަމުގައި ވަރުވާއަށް ދޫކުރަމުން އަންނަ ބިމެކެވެ. އެބިމުގައި ހުންނަ ރުއްގަހުން ނަފާހޯދުމުގެ އިތުރުން ދަނޑުވެރިކަމުގެ އެކި ބާވަތް ބާވަތުގެ މަސައްކަތްތައް އެތަން ވަރުވާއަށް ލިޔުއްވާ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

