132 ދަރިވަރުންނާއެކު ލަންދޫސްކޫލްގައި ފުރާވަރު ކޭމްޕް ފަށައިފި
ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއެކު ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ “އަމާންވެށި ޕްރޮގްރާމް” ގެ ދަށުން ކުރިއަށް ގެންދާ “ފުރާވަރު ކޭމްޕު” ލަންދޫސްކޫލްގައި ފަށައިފިއެވެ.
ލަންދޫސްކޫލްގައި މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބުނެދޭނެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދޭނެއެވެ.
އޭގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދޭނެއެވެ. އަދިވެސް އޭގެ އިތުރުން، ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

3 ދުވަހުގެ މުއްދަތަށް މިއަދު ފެށި “98 ވަނަ ފުރާވަރުކޭމްޕް”ގައި ނ.އަތޮޅުގެ 4 ސްކޫލަކުން ބައިވެރިވެފައިވާއިރު، މި ކޭންޕުގައި ލަންދޫ ސްކޫލުގެ 38 ދަރިވަރުންނާއި މާފަރު ސްކޫލުގެ 34 ދަރިވަރުންނާއި ޅޮހީ ސްކޫލުގެ 32 ދަރިވަރުންނާއި އަދި ކުޑަފަރީ ސްކޫލުގެ 28 ދަރިވަރުން ބައިވެރިވެފައިވެއެވެ.
އަދި މީގެ އިތުރުން މިކޭމްޕްގައި ބައިވެރިވި ކޮންމެ ސްކޫލަކުންވެސް މަދުވެގެން 4 ނުވަތަ 5 ޓީޗަރުންވެސް ބައިވެރިވެފައިވާ ކަމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތުން މައުލޫމާތު ދެއްވައެވެ.