އެމެރިކާގެ ނޯދަން މިޝިގަން ޔުނިވާސިޓީގެ ދަރިވަރަކު ޗެޓްޖީޕީޓީ ބޭނުންކޮށްގެން، އުފެއްދި އެސައިންމެންޓެއް އެ ޔުނިވަރސިޓީއަށް ހުށަހެޅި މައްސަލަ ހޫނުވެއްޖެއެވެ.
މިޝިގަން ޔުނިވާސިޓީން އާއި ހަވާލާދީ އޮންލައިން ރިޕޯޓްތައް ބުނީ އެޔުނިވަރސިޓީގެ ދަރިވަރަކަށް ހަވާލުކުރި އެސައިންމެންޓެއް (ބުރުގާ މަނާކުރުމާ ބެހޭ ގޮތުން ލިޔުމެއް ލިޔަން) އޯޕަންއޭއައި އިން އުފެއްދި ބަހުގެ މޮޑެލް އެއް ކަމަށްވާ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ހަދާފައިވާ ކަން ފަޅާއަރާފައިވާ ކަމަށެވެ.
އެ ދަރިވަރާމެދު ޝައްކުކުރެވުނީ އެ ދަރިވަރުގެ ކުރީގެ މަސައްކަތްތަކަށް ރިއާޔަތްކޮށް ބެލިއިރު، އާދަޔާ ހިލާފަށް ރަނގަޅަށް ލިޔެވިފައިވާ އަދި ބަހުގެ ޤަވާއިދާއި ހަމަތަކަށް ފެތިފައިވާ މޮޅު ލިޔުމެއް ހުށަހެޅުމުންނެވެ. އިތުރަށް ބެލި ބެލުމުން ދަރިވަރުގެ ސްޕަވައިޒަރަށް އެނގުނީ އެ ދަރިވަރު ޗެޓްޖީޕީޓީ ބޭނުންކޮށްގެން ލިޔުން އުފައްދަވާފައިވާ ކަމެވެ.
އެ ޔުނިވާސިޓީން ބުނީ އެކަޑަމިކް އިންޓެގްރިޓީގެ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި، އެ މައްސަލަ އިގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެސައިންމަންޓްތައް ފުރިހަމަ ކުރުމަށް އޭއައި ނުވަތަ ޓެކްނޮލޮޖީގެ އެއްވެސް ބާވަތެއް ބޭނުންކުރުމަކީ ޔުނިވާސިޓީގެ އެކަޑަމިކް އިންޓެގްރިޓީ ޕޮލިސީއާ ހިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި ނުރަގަނޅު ނަތީޖާތަކެއް ނުކުންނާނެ ކަން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެ އެވެ.
މި ހާދިސާގެ ސަބަބުން ތައުލީމުގައި އޭއައި ބޭނުންކުރުމާއި، އެކަމުގެ ސަބަބުން ތައުލީމީ ނަޒާހަތްތެރިކަމަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ބޮޑު ވާހަކައެއް ވަނީ ފެންމަތިވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހަރުކަށި އުސޫލުތަކާއި ގައިޑްލައިންތައް އެކުލަވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ބަހުގެ މޮޑެލެއްގެ ގޮތުގައި ޗެޓްޖީޕީޓީ ފަރުމާކޮށްފައި ވުމުން އިންސާނުން ފަދަ ލިޔުމެއް އުފައްދައި، ދަރިވަރުންނަށް އެސައިންމަންޓްތައް ފުރިހަމަ ކުރުމަށް ބޭނުންކުރަން ފަސޭހަވެގެންދެއެވެ. ނަމަވެސް މިފަދަ ވަސީލަތްތައް ބޭނުންކުރުމަކީ އޮޅުވާލުމެއްގެ ގޮތުގައި ބެލެވިފައި ވަނީ، އެކަމުގެ ސަބަބުން ދަރިވަރުން ކްރިޓިކަލްކޮށް ވިސްނައި، ދިރާސާކޮށް އަމިއްލައަށް ލިޔުމަށް ބާރުއެޅުމުގެ ތައުލީމީ އަމާޒަށް ބުރޫއަރާތީ އެވެ.
ސުވާލު އުފެދިފައިވާ ދަރިވަރާ މެދު ސުލޫކީ ފިޔަވަޅެއް އެޅުމަށް ޔުނިވާސިޓީން އަދި އިއުލާނެއް ކޮށްފައި ނުވި ނަމަވެސް، އެ ދަރިވަރުންގެ އަމަލުތަކުގެ ސަބަބުން އެ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...