އެއްފަހަރާ 180 ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭ ވަރުގެ އައުޓްޑޯ ލައިބްރަރީއެއް ލަންދޫ ސްކޫލްގައި މިއަދު ހުޅުވައިފިއެވެ.
ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ، މިލައިބްރަރީ ހުޅުވައިދެއްވީ އެ ސްކޫލްގައި މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީއެއްގައި، ސުކޫލު ބޯޑުގެ މެމްބަރ އަލްފާޟިލް މާޖިދު މުހައްމަދެވެ. މިރަސްމިއްޔާތުގައި ލަންދޫގެ މުވައްސަސާތަކުގެ ވެރިންނާއި ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.
ގިނަ އަދަދަކަށް ހެއްލާ އުދޯއްޔާއި ޖޯލިފައްޗާއި ތަފާތު ވައްތަރުގެ ބެންޗުތައް ބަހައްޓާފައިވާ މި ލައިބްރަރީން އެއް ފަހަރާ 180 ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް އެސްކޫލުން ބުނެފައިވެއެވެ.

ދަރިވަރުންގެ ބަސްކޮށާރު މުއްސަނދިކޮށް ކިޔުންތެރިކަން ރަގަނޅު ކުރުމުގެ މަޤްސަދުގައި ހުޅުވި މި ލައިބްރަރީ ތައްޔާރު ކޮށްދިނުމުގައި އެސްކޫލްގެ ސްކޫލްބޯޑުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި، ކަމުވޮށިވެގެންވާ ބޭފުޅުންގެ އިތުރުން ބެލެނިވެރިންގެ ފުރިހަމަ ބައިވެރިވުން ލިބިފައިވާ ކަމަށް އެސްކޫލުން ހާމަކުރައްވައެވެ.
ލައިބްރަރީ ހުޅުވުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރިންސިޕަލް ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ މިހާރު ދަރިވަރުން ބޭނުން އިރަކު ސްކޫލަށް އަންނަންވީ ކަމަށާއި، ހުސްވަގުތު ލައިބްރަރީގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

” އަޅުގަނޑުމެންގެ ބޭނުމަކީ ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް ފޮތްތެރި ބަޔަކަށް ހެދުން” ޔޫސުފު ވިދާޅުވިއެވެ.
ޔޫސުފު ވިދާޅުވީ، އެ ސްކޫލުން ބާއްވާ ބައެއް ބައްދަލުވުންތައް ވެސް އައުޓް ޑޯ ލައިބްރަރީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ލައިބްރަރީ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ސުކޫލުގެ ޓީޗަރުން އަދި މުވައްސަސާތަކުގެ ފަރާތުން ވަނީ އެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފައެވެ.
ލަންދޫ ސްކޫލުގައި 206 ދަރިވަރުން ލިޔަވަމުން ގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...