ދިވެހިން އާއަހަރަށް މަރުހަބާ ކިޔާނީ ހާއްސަ މިއުޒިކު ޝޯއަކާއި ހަވާއެރުވުމުން
ދިވެހިން އާއަހަރަށް މަރުހަބާ ކިޔާނީ މިފަހަރު ހާއްސަ މިއުޒިކު ޝޯއަކާއި އެކު ހުޅުމާލޭގައި ކުރިއަށް ގެންދާ ހަވާއެރުވުމުގެ ޙަރަކާތަކުން ކަމުގައި ޔޫތު މިނިސްޓްރީން ބުނެފިއެވެ.
2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ މިއުޒިކު ޝޯއެއް ބާއްވަން ޔޫތު މިނިސްޓްރީން ތައްޔާރުވަމުން ދާކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީގެ ރަސްމީ ޓްވިޓަރ ހޭންޑްލް އިން ކުރި ޓްވީޓެއްގައެވެ.
އެމިނިސްޓްރީން ބުދަދުވަހު ކުރި ޓްވިޓެއްގައި ބުނީ “މޯލްޑިވްސް ވާއު ފެސްޓް” ގެ ނަމުގައި ބާއްވާ މިއުޒިކު ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ (31 ޑިސެމްބަރު) މިރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކަމަށެވެ.
އެ ޝޯގައި ބޮލީވުޑްގެ ލަވަ ކިޔުންތެރިއެއް ކަމަށްވާ ޕައުނީ ޕާންޑޭ ޕާފޯމްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ ޝޯގައި ހަބޭސް ބޯޑުބެރު ގުރޫޕް ވެސް ބައިވެރިވާނެ އެވެ.
އާއަހަރު ފާހަގަ ކުރުމައްޓަކައި ބާއްވާ އެޝޯ ފަށާނީ މިރޭ މާލޭގަޑިން 20:30 ގައެވެ.
ޝޯބޭއްވުމުގެ އިތުރުން އާ އަހަރު ފެށޭ ވަގުތު ހަވާ އެރުވުން މިއަހަރު ވެސް އޮންނާނެ އެވެ.
