ކައުންސިލްގެ ހުއްދަނެތި ފުލުހުންގެ ވެސް އެހީތެރިކަމާއިއެކު ހދ. ނޮޅިވަރަންފަރުގެ ސަރަހާ ކޮނުމުން އެކަން އެރަށު ކައުންސިލުން ކުށްވެރިކޮށްފި އެވެ.
އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ 11:30 ގައި ނޮޅިވަރަންފަރު ސަހަރާއަށް އާންމުންގެ ބަޔަކު ވަދެ ރުގްޔާކުރުމުގެ ނަމުގައި ކޮނުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނު ކަމަށެވެ.
ކައުންސިލުން ސަހަރާއަށް ދިޔައިރު އެކަން ކުރަމުންދިޔައީ ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާއި ޕޮލިސް އިންޗާޖުގެ ހާޒިރުގައި ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

“ނޮޅިވަރަންފަރު ސަހަރާ ކޮނުމުގެ ހުއްދައަށް އެދި އަނގަބަހުން މި ކައުންސިލަށް އެކި ފަހަރުމަތިން ވަނީ ހުށަހަޅާފައި. މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ލަފާ ލިބިފައިވަނީ ޝަރުއީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯންނާނެ ކަމަށާއި އަދި އެކަން ކުރަން ހުއްދަ ނުދިނުމަށް. މިލަފައާއިއެކު އެކަން ކުރުމުގެ ހުއްދަ ނުދެވޭނެކަމަށް މި ކައުންސިލުން ވަނީ އެކަމަށް އެދުނު ފަރާތަށް އަންގާފައި.” ނޮޅިވަރަންފަރު ކައުންސިލުން ބުނެފައި ވެއެވެ.
އެ ރަށުގެ ސަހަރާއަށް ކައުންސިލްގެ ހުއްދަނެތި ވަދެ ކޮނެ ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފުލުހުންގެ މުއައްސަސާއުން އެފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުންދޭ ދިނުން ކުއްވެރިކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ މީޑިއާތަކަށް ކައުންސިލް ބަދުނާމުކޮށް ފުލުހުން ދީފައިވާ މައުލޫމާތު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ކަމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރަށް އަރައިގަތުން ކަމަށެވެ.
ސަހަރާ ކޮނުމާއި ގުޅޭ ގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުރަތަމަ ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ އަކާއި ގުޅިގެން ކައުންސިލްގެ އެހީތެރިކަމާއިއެކު ނޮޅިވަރަންފަރު ސަހަރާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވިދާޅުވީ ފުލުހުން ސަހަރާ ބަލައި ފާސްކޮށްފައި ވަނީ ކައުންސިލަށް އެމައުލޫމާތު ދިނުމަށް ފަހުގައި ކަމަށެވެ.
ކައުންސިލުން ވަނީ އެކަން ހިނގައިދިޔަގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތު ހުރިހާ މުވައްސަސާއަކަށް ގޮވާލާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...