ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންގެ ބަންދަށް މުއްދަތު ޖަހައިފި
ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެމީހުންގެ ބަންދުގެ މުއްދަތާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18 އަހަރުގެ ދެމީހަކާއި 33 އަހަރުގެ ދެމީހަކާއި 46 އަހަރގެ މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާކަމަށެވެ. 19 އަހަރުގެ ދެމީހަކާއި 27 އަހަރުގެ ދެމީހަކާއި 28 އަހަރުގެ މީހަކަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހަކަށާއި 27 އަހަރުގެ މީހަކަށާއި 35 އަހަރުގެ މީހަކަށާއި 37 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއޓުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރިން ބުނެފައިވާގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންވެސް ނިސްބަތްވަނީ އައްޑޫ ސިޓީއަށެވެ. ނަމަވެސް އެ 14 މީހުންގެ ދެމީހަކު މާލެއިން ހައްޔަރުކޮށްފައިވާއިރު ކ. ގުރައިދޫންވެސް ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި މީހުން ރާވަމުންދިޔައީ ގިނަބައެއްގެ ފުރާނައަށް ގެއްލުންވާފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށްކަމުގައި ފުލުހުން ފަހުން ބުނެފައިވެއެވެ.


