ޚަބަރު

ބަޖެޓަށް 160 މިލިއަން އިތުރުކޮށް، ކޮމެޓީން ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބެޖެޓު ކޮމިޓީން ބަޖެޓް ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބަޖެޓް ކޮމެޓީން މިއަދު ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއިއެކު ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތަކެވެ. ބަޖެޓް ކޮމެޓީގެ މަސައްކަތް ނިންމައި މިފެށޭ ހަަފްތާގައި ތަޅުމަށް ބަޖެޓް ހުށަހަޅާނެކަމަށް ބެލެވެއެވެ.

ބަޖެޓް ތަޅުމަށް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް 7 މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުންވަނީ ނިންމާފައެވެ.. އަދި ބަހުސްއަށްފަހު ބަޖެޓް މަޖިލީހުން ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close