ނަޝީދާއި، މައުމޫނާއި، ޤާސިމުގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނެފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފި
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ލޭ ހުއްދަވާނެކަމަށް މުޙައްމަދު ތަސްލީމު ބުނިކަމަށް ބުނެ ކްރިމިނަލް ކޯޓުގައި ސިއްރު ހެކިވެރިއަކު ހެކިބަސް ދީފިއެވެ.
މިދިޔަ އަހަރުގެ މެއި 06 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ތަޙްޤީޤުތަކަށްފަހު ތަސްލީމުގެ މައްޗަށް އުުފުލީ ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
އެ ގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ސިއްރު ދެ ހެކިވެރިއަކު ހެކިބަސް ދިނެވެ. އެ މީހުން ހެކިބަސް ނެގީ ކޮންބައެއްކަން ނޭނގޭ ގޮތަށް އަޑު ބަދަލު ކޮށްގެންނެވެ.
އޭގެތެރެއިން އެއް ހެކިވެރިޔަކު ހެކިބަސްދެމުން ބުނީ އޭނާއާއި ތަސްލީމާ ދިމާވީ ބައްދަލުވުމެއްގެ ތެރެއިން ކަމަށާއި، ތަސްލީމަކީ ސޯޝަލްމީޑިއާގައި ހަރުކަށި ފިކުރު ޕްރޮމޯޓް ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އައިއެސްއަކީ ސައްހަ ޚިލާފަތެއްކަން މީހުންނަށް ވިސްނައިދޭން ތަސްލީމު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނި ގޮތުގައި ތަސްލީމު ވަނީ ބައެއް މީހުންގެ ލޭ ހުއްދަކަމަށް ބުނެ ވާހަކަދައްކާފައެވެ. އެ ގޮތުން ރައީސް ނަޝީދާއި، ރައީސް މައުމޫނާއި ޤާސިމުގެ ލޭ ހުއްދަވާނެކަމަށް ތަސްލީމު ބުނެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.
