ޚަބަރު

ރައީސް ޞާލިޙްގެ ދެކަނބަލުން ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި


އިނގިރޭސި ރާނީ އެލިޒަބަތު (2 ވަނަ) ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނު އަނބިކަނބަލުން ފަޒްނާ އަހްމަދު، ބައިވެރިވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވައި، ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައިވެސް ލިޔުއްވާފައެވެ.

އުމުރުފުޅުން 96 އަހަރުގައި، މިސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު އަވަހާރަވިއިރު، މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވީ އެކަމަނާއެވެ. އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަދުވަހު ރަނިކަން ކުރައްވާފައެވެ. ރަސްމީ އެންމެމަތީ އިއްޒަތުގައި، ރާނީ އެލިޒަބަތު (2 ވަނަ) ފަސްދާނުލާފައި ވަނީ، އެކަމަނާގެ މިސާލެއް ނެތްފަދަ ރަނިކަމާއި، އިނގިރޭސި ވިލާތަށާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހުގައެވެ.

ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި އޮތް ރާނީ އެލިޒަބަތުގެ ޖަނާޒާގައި، އިނގިރޭސި ޝާހ އާއިލާގެ މެމްބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އާއްމު ރައްޔިތުންގެ ގިނަބަޔަކު ވެސް ވަނީ ބައިވެރިވެރިވެފައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާއަށްފަހު، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޖޭމްސް ކްލީވަރލީ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާއިއެކު، ކޮންމަންވެލްތުގެ އެންމެ އިސްވެރިޔާ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން، ސެޕްޓެމްބަރު 9 އިން ފެށިގެން 3 ދުވަސްވާންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close