މިއަދު ހިނގި އެކްސިޑެންޓެއްގައި އާރްޓީއެލް ބަހެއްގެ ބިއްލޫރިގަނޑު ފުނޑިއްޖެ
މިއަދު ހިނގި އެކްސިޑެންޓެއްގައި އާރްޓީއެލް ބަހެއްގެ ބިއްލޫރިގަނޑު ފުނޑުފުނޑު ވެއްޖެއެވެ.
ނުރައްކާތެރި ގޮތަކަށް ހިނގި މި އެކްސިޑެންޓް ހިނގީ މާފަނުން ޕޮލިސް ޕޯސްޓްގެ ފުރާޅުގައި އާރްޓީއެލް ބަހެއްގެ މަތީބައިގެ ބިއްލޫރިގަނޑު ޖެހިގެންނެވެ. ބިއްލޫރި ގަނޑު ފޫއަޅުވާލައި އެތެރެއަށް ފުރާޅު ހުރީ ވަދެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން އެމްޓީސީސީގެ ބަހެއް އެކްސިޑެންޓް ވެފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ވަނީ ލިބިފައެވެ. މި ރިޕޯޓް ފުލުހުންނަަށް ލިބުނީ މިއަދު ހެނދުނު 9:59 ހާއިރު ކަމަށް ވެއެވެ.
މިއަދު ހިނގި މި އެކްސިޑެންޓްގެ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓް ވެފައި ވަނީ ޑަބަލްޑެކް ބަހެކެވެ. އަދި އެ ބަސް ޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ ޕޮލިސް ފޯޓްގެ ފުރާޅުގައެވެ. އަދި ބަހުގެ މަތީ ބުރީގެ ބިއްލޫރިގަނޑު ތެރެއަށް ޕޮލިސް ޕޯޓުގެ ފުރާޅު ވަދެފައިވާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބަހުގެ ހިދުމަތް ދިނުމަށް ފަށާފައިވާ “ހުނަވަރު” ޕްރޮގްރާމްގެ ތަމްރީނުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. އެމްޓީސީސީގެ ބަސްތަކާއި ގުޅުންހުރި އެކްސިޑެންތައް މި ފަހަކުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

