ރައީސްގެ ދެކަނބަލުން އިނގިރޭސި ރާނީ އަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިނގިރޭސިވިލާތުގެ ތަޙުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި، އަދި އެޤައުމުގައި އެންމެ ދިގުމުއްދަތަކަށް ރަނިކަން ކުރެއްވި އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފިއެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީއަށް އެންމެފަހުގެ އިޙްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ ދެ މެސެޖު ލިއުއްވާފައެވެ. މި ދެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާރލްސް 3 އަށާއި، ޝާހީ ޢާއިލާއަށާއި، އިނގިރޭސިވިލާތާއި އަދި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާނީ އެލިޒަބަތު 2 ގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ އެކަމަނާއާއި އަދި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައާ މޮޅިވެރިކަން ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައެއްގެ ގޮތުން އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާތައް ފާހަގަކުރައްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މައިންވެސް، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އިނގިރޭސި ވިލާތަށް އަދި އެ ޤައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަކީ ތަޢުރީފު ޙައްޤު ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅުގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ޤައުމަށާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތަޢުރީފު އަދާކުރައްވާފައެވެ.
ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި 2022 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.

