ބޭރުދުނިޔެ

ޗައިނާގެ 2 ނަންބަރު ކޮމިއުނިކޭޝަންސް ޓަވަރުގައި އަލިފާންރޯވެއްޖެ

ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޗަންގްޝާގައި ހުރި ޗައިނާގެ 2 ނަންބަރު ކޮމިއުނިކޭޝަންސް ޓަވަރުގައި އަލިފާން ރޯވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނެފައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށެވެ.

ދައުލަތުގެ މުވާސަލާތީ ކުންފުނި ޗައިނާ ޓެލެކޮމްގެ އޮފީހެއް ހުރި 42 ބުރީގެ އިމާރާތެއްގައި ރޯވެފައިވާ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓާ ސީސީޓީވީންއިންވެސް ވަނީ ބުނެފަ އެވެ.

“އެތަނުން ބޯ ދުންތަކެއް އުފެދި، ދިހަވަރަކަށް ފްލޯ ވަރަށް ބޮޑަށް އަނދާ ހުލި،” ސީސީޓީވީން ރިޕޯޓްކޮށްފައިވެ އެވެ.

އެ އަވަށުގެ ފަޔާ ޑިޕާޓްމަންޓުން ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ “މިވަގުތު އަލިފާން ނިއްވާލާފައިވާ ކަމަށާއި، އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ” ކަމަށެވެ.

ސީސީޓީވީން އާންމުކުރި ފުރަތަމަ ފޮޓޯއިން ފެންނަ ގޮތުގައި އެ އިމާރާތުގެ ތެރެއިން އޮރެންޖް ކުލައިގެ އަލިފާންގަނޑު ރޯވަމުން ދިޔައިރު އުޑުމައްޗަށް ކަޅު ދުން އަރަމުން ދިޔަ އެވެ.

ފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ މައިތިރިވެފައެވެ. އަދި އެމަޖެންސީގައި މަސައްކަތްކުރާ މުވައްޒަފުން އެތަނުގައި ހަރަކާތްތެރި ވަމުން ދާތަން ފެނެއެވެ.

ޗައިނާ ޓެލެކޮމް އިން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ޗަންގްޝާގައި ހުންނަ އެމީހުންގެ 2 ނަންބަރު ކޮމިއުނިކޭޝަންސް ޓަވަރުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

“މިހާތަނަށް އެއްވެސް ގެއްލުމެއް ނުލިބޭ އަދި މުވާސަލާތީ ވަސީލަތްތައް ވެސް ކަނޑާލާފައެއް ނުވޭ.” ބަޔާނުގައި ބުނެފައިވެއެވެ.

ހުނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާގެ އާބާދީއަކީ ގާތްގަނޑަކަށް 10 މިލިއަން މީހުންނެވެ.

2000 ވަނަ އަހަރު ނިމިފައިވާ 218 މީޓަރު (715 ފޫޓު) ގެ އިމާރާތަކީ ބޮޑު ރިންގް ރޯޑެއް ކައިރީގައި ހުންނަ އިމާރާތެއް ކަމަށް ސީސީޓީވީން ބުނެ އެވެ.

ޗައިނާގައި މިފަދަ ނުރައްކާތެރި އަލިފާންގެ ހާދިސާތައް އާންމުވެފައިވާއިރު، އިމާރާތް ކުރުމުގެ ގާނޫނުތައް ތަންފީޒު ކުރުން ލުއިކޮށް، ހުއްދަ ނެތި ގިނައިން އިމާރާތް ކުރުމަކީ މިފަދަ ހާދިސާތައް ގިނަވުމަށް މަގުފަހިކުރުވާ ކަމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޖިލިން ޕްރޮވިންސްގެ އިރުއުތުރުގެ ގުދަނެއްގައި އަލިފާން ރޯވެ 15 މީހުން މަރުވެ 25 މީހުން ޒަހަމްވި ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭގެ އެއް މަސް ކުރިން މެދުތެރޭ ހެނާން ޕްރޮވިންސްގެ މާޝަލް އާޓްސް ސްކޫލެއްގައި 18 މީހުން – ގިނައީ ކުޑަކުދިން – މަރުވެފައިވެއެވެ.

ބެއިޖިންގެ ރެފިއުޖީންގެ އަވަށްތަކުގައި 2017 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އިތުރު 24 މީހުން މަރުވިއިރު، 2010 ވަނަ އަހަރު ޝަންހާއީގެ 28 ބުރީގެ ހައުސިން ބްލޮކެއްގައި އަލިފާން ރޯވުމުން 58 މީހުން މަރުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close