ޚަބަރު

ރާނީ އެލިޒަބަތުގެ ތަޢުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ސޮއިކުރައްވައިފި

ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސޮއިކުރައްވައިފިއެވެ.

ރާނީ އެލިޒަބަތް2 އަވަހާރަވީ ސެޕްޓެންބަރު މަހުގެ 8 ވީ ބުރާސްފަތި ދުވަހުއެވެ. އެކަމަނާވަނީ އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނަވާފައެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު 2 ވަނައިގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގައެވެ.

އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ޚިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް މި ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިޙްތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު 2 ވަނައާ މުޚާތަބްކޮށް “ރާނީ” އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ޤަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފައެވެ.

އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ޤައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުޞަތު ދެއްވި ބޭކަނބަލެއްކަން ވަނީ އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close