ޚަބަރު

ރައީސުލް ޖުމްހޫރިއްޔާގެ ލޯންޗްކޮޅު ދުއްވާނެ ޑްރައިވަރުން ހޯދަން އިއުލާންކޮށްފި


ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވުމަށް ބޭނުންކުރައްވާ ލޯންޗް ދުއްވުމަށް ޑްރައިވަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕްރެޒިޑެންޝަލް ގާރޑްސް އަށް ތިން މީހަކު ލޯންޗް ކެޕްޓަނުންގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އެއީ ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނަގާ ބައެއް ކަމަށް އިއުލާނުގައި ވެއެވެ.

މިވަޒީފާގައި މުސާރައަށް -/6295 ރުފިޔާ އަދި އޭގެ އިތުރުން ސާވިލް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ ލިބޭނެއެވެ. އޭގެ އިތުރުން މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗްގައި ފަޅުވެރިންގެ ގޮތުގައި އާންމުން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗްގައި ކެޕްޓަނުން ގޮތުގައި ވެސް އަދި ފަޅުވެރިންގެ ގޮތުގައި ވެސް އާންމުން ނުތިބޭ ގޮތައް ހަމަޖެއްސި ކަމަށް އޭރު ޑިފެންސް މިނިސްޓްރީން ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްގައި އާންމުންގެ ބަދަލުގައި ކެޕްޓަނުންނާއި ފަޅުވެރިންގެ ގޮތުގައި ވެސް ފަހުން މަސައްކަތް ކުރަމުން ގެންދިޔައީ ސިފައިންނެވެ.

ފިނިފެންމާގައި ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޕްރެޒިޑެންޝަލް ގާރޑްސްގެ ނަމުގައި ހާއްސަ ޔުނިޓެއް ވެސް އުފެއްދިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close