ފާއިތުވި ދުވަސްތަކުގައި މުޅި ޕާކިސްތާނަށް ކުރަމުންދިޔަ ވިއްސާރައިގައި ގެއްލުންތަކެއް ލިބި އެތައްބަޔަކު މަރުވެ، ގެދޮރު ގެއްލެމުގެ ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިތާމަ ފާޅުކުރައްވާ ޓްވީޓް ކުރެއްވުމުން އެކަމަށް ޝުކުރު އަދާކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފް ޝުކުރު އަދާކުރައްވައފިއެވެ.
“ޕާކިސްތާނަށް ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ފެނުމުން ހިތާމަކުރަން. މި ގުދުރަތީ ކާރިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނާއި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވަން،” މޯދީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ .
ޕީއެމް މޯދީގެ ކަންބޮޑުވުމަށް ރައްދު ދެއްވަމުން ޕާކިސްތާނުގެ ޝެހްބާޒް ޝަރީފް ވަނީ ޕާކިސްތާނަށް ލިބިފައިވާ އިންސާނީ އަދި މާއްދީ ގެއްލުންތަކާ ގުޅިގެން މޯދީ ޓްވީޓް ކުރެއްވުމުން ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
“ވިއްސާވުމުގެ ސަބަބުން ލިބުނު އިންސާނީ އަދި މާއްދީ ގެއްލުންތަކާ ގުޅިގެން އިންޑިއާގެ ޕީއެމް ނަރެންދުރަ މޯދީ @narendramodi ޓްވީޓް ކުރެއްވުމުން ޝުކުރު އަދާކުރަން. ކެތްތެރިކަމާއެކު ޕާކިސްތާނުގެ ރައްޔިތުން، އިންޝާالله، މި ގުދުރަތީ މުސީބާތުގެ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އެމީހުންގެ ދިރިއުޅުމާއި މުޖުތަމައުތައް އަލުން ބިނާކުރާނެ،” ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 1،100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު 33 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
ކުރިއަށް އޮތް ހަތަރު ހަފްތާއާއި 12 ހަފްތާގެ ތެރޭގައި ތަޣައްޔަރު ވެފައިވާ ފެނުން ޖެހޭ ތަފާތު ބަލިތަކާއި ،ޓައިފޮއިޑް އަދި ބޭރަށްހިންގުން ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް ފަސް މިލިއަން މީހުން ބަލިވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.
ސިންދު، ބަލޫޗިސްތާން، ދެކުނު ޕަންޖާބާއި ޚައިބަރ ޕަޚްތުންޚްވް ފަދަ ސަރަހައްދުތަކަށް އުދައެރުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު، ފެންބޮޑުވެފައިވާ މި ސަރަހައްދުތަކުގެ މީހުންނަށް ބޭރަށްހިންގުން، ކޮލެރާ، ގޭސްޓްރޯއެންޓަރައިޓިސް، ޓައިފޮއިޑް އަދި ޑެންގީ ފަދަ ވެކްޓަރ ބޯން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވަނީ އިންޒާރު ދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފް އިސްވެ ހުންނަވައިގެން އިންޑިޔާއިން ކާބޯތަކެތި އެތެރެކުރުމަށް ގޮތެއް ނިންމާނީ އެގައުމުގެ ކޯލިޝަން ޕާޓްނަރުންނާއި މުހިއްމު ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށްފަހުގައެވެ.
އަވަށްޓެރި ޕާކިސްތާނަށް މިވަގުތު ތަރުކާރީ އާއި އެހެނިހެން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާއިރު، ވިއްސާރައިގެ ސަބަބުން ދަނޑުވެރިކަން ހަލާކުވެ، އެތަކެތީގެ އަގުތައް ތަސައްވަރު ނުކުރެވޭ މިންވަރަށް އުފުލިފައިވާ ކަމަށް ދަ ނިއުސް އިން ބުނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...