އިރާގުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް އިރާގުގެ ރައީސް ހިތްވަރު ދެއްވައިފި
ބަޣްދާދު – މި ހަފްތާގައި މަރުގެ ހަމަނުޖެހުންތަކަކަށް ބަދަލުވެ، އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓަކައި، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އަވަސް އިންތިޚާބު ބޭއްވުމަށް އިރާގުގެ ރައީސް ބަރުހަމް ސާލިހު އަންގާރަ ދުވަހު ހިތްވަރު ދެއްވައިފި އެވެ.
އެންމެ ފަހުގެ އިންތިޚާބަށް އަހަރެއް ނުވަނީސް އަވަސް އިންތިޚާބެއް ބޭއްވުމަށް އިރާގުގެ ރައީސް ގޮވާލައްވާފައިވާއިރު، ދައުލަތުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ޝީއީ މުސްލިމް ދީނީ އިލްމުވެރިޔާ މޮގްތާދާ ސަދުރުގެ ސަޕޯޓަރުން ގެންދަނީ ހަރުކަށިކަމާއެކު ނުރައްކާތެރި އަނިޔާވެރި މުޒާހަރާތަކެއް ކުރަމުންނެވެ. އަވަސް އިންތިޚާބެއް އިރާގުގައި ބޭއްވުމަކީ މޮގްތާދާގެ ސަޕޯޓަރުންގެވެސް ޑިމާންޑެކެވެ.
“ގައުމީ އިއްތިފާގެއްގެ މަތިން އާ، އަވަސް އިންތިހާބެއް ބޭއްވުމަކީ ފުނޑުފުނޑުވެފައިވާ ދަތިކަމުން ސަލާމަތްވުމަށްޓަކައި ކޮންމެހެންވެސް ބޭނުންކަމެއް،” ސާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
“އެއީ ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ކަށަވަރުކޮށްދީ، އިރާގުގެ ރައްޔިތުންގެ އުންމީދުތަކަށް ރައްދުދޭ ކަމެއް.” އިރޤުގެ ރައީސް ވިދާޅުވިއެވެ.
ސާލިހު ވާހަކަފުޅު ދެއްކެވީ ގާތްގަނޑަކަށް 24 ގަޑިއިރު ވަންދެން ހިނގި ހަމަނުޖެހުންތަކުގައި ސަދުރަށް ތާއީދުކުރާ މީހުން ބަޣްދާދުގެ ގްރީން ޒޯނުން ދުރައްދިޔަތާ ގަޑިއެއްހާއިރު ފަހުންނެވެ.
ޝިޔަޢީންގެ ލީޑަރު، ސަދުރު ސިޔާސީ ދާއިރާ ދޫކޮށްލައްވަމުން ގެންދަވާކަން އިއުލާން ކުރެއްވުމާ ގުޅިގެން ހޯމަ ދުވަހު ފެށުނު މާރާމާރީތަކުގައި ސަދުރުގެ 30 ސަޕޯޓަރުން ބަޑިޖަހައި މަރާލައި މަދުވެގެން 570 މީހުން ޒަހަމްވެފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން ބޮޑުވަޒީރު މުސްތަފާ އަލް ކަދިމީ ވިދާޅުވީ ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ މި ހާލަތު ދެމިއޮތް ނަމަ “މަޤާމު ދޫކޮށްލައްވާނެ” ކަމަށެވެ.
ހޯމަ ދުވަހު އަލް ކަދިމީ ވަނީ ސަރުކާރުގެ މައި މަރުކަޒަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމާއި ގުޅިގެން، ވަކި ގޮތެއް އަންގަންދެން ކެބިނެޓްގެ ޖަލްސާތައް މެދުކަނޑާލާފަ އެވެ.
ސަދްރާއި އޭނާގެ ސަޕޯޓަރުން ވަނީ މަޖިލިސް އުވާލުމަށާއި އާ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ގޮވާލާ ގޮވާލުންތައް ތަކުރާރު ކޮށްފަ އެވެ.
ގާނޫނު އަސާސީގެ ދަށުން މަޖިލިސް އުވާލެވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ތާއީދު ލިބިގެން ނުވަތަ ރައީސްގެ ރުހުމާއެކު ބޮޑުވަޒީރު އެދިވަޑައިގަތުމުން މަޖިލީހުގެ މުޅިން އަޣުލަބިއްޔަތުންނެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުން ސަދުރުގެ ބްލޮކް ނެރުނީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ބޮޑު ބްލޮކްގެ ގޮތުގައެވެ. އެ ޕާޓީއަށް 73 ގޮނޑި ލިބިފައިވާ ނަމަވެސް އެއީ އަޣުލަބިއްޔަތަށް ވުރެ މާ މަދު އަދަދެކެވެ.



