މޮސްކޯގެ ކާރު ބޮމުގެ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯ ރަޝިޔާއިން އާންމުކޮށްފި
ރަޝިއާގެ ވެރިރަށް މޮސްކޯގައި ހޮނިހިރު ދުވަހު ދިން ކާރު ބޮމުގެ ހަމަލާގައި ނޫސްވެރިޔާ ދާރިޔާ ޑުޖީނާ މަރާލި ހާދިސާގައި އެންމެ އިސް ކޮށް ހުރި ކަމަށް ތުހުމަތު ކުރެވޭ ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ނަތާލިއާ ވޮވްކް ގެ ވީޑިއޯއެއް ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން އާންމުކޮށްފި އެވެ.
ހޯމަ ދުވަހު އާންމުކުރި ފުޓޭޖުން ފެންނަނީ ވޮވްކް އާއި އޭނާގެ ތުއްތު އަންހެން ދަރިފުޅު ރަޝިއާއަށް އެތެރެވެ، ޑުޖީނާ ދިރިއުޅެމުން ދިޔަ އިމާރާތުގެ ތެރޭގައި، އަވަސް އަރުވާލައިގެން ގައުމު ދޫކޮށް ދާ މަންޒަރެވެ.
އުމުރުން 43 އަހަރުގެ ވޮވްކްގެ ނަން އެފްއެސްބީއިން ހޯމަ ދުވަހު ހާމަކޮށްފައިވަނީ ޑުޖީނާ އަވަހާރަކޮށްލި ހާދިސާގައި އެންމެ އިސް ކޮށް ހުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ގޮތުގައެވެ.
ޔޫކްރެއިންގެ މި މީހާ ރަޝިއާއަށް ގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ޑޮނޭޓްސްކް ޕީޕަލްސް ރިޕަބްލިކްގެ ލައިސަންސް ޕްލޭޓްތައް ބޭނުންކޮށްގެން، ކަމަށް ރަޝިއާއިން ބުނެއެވެ.
އެފްއެސްބީ އިން ބުނި ގޮތުގައި ބޮމުގެ ހަމަލާއަށް ފަހު އާދީއްތަ ދުވަހު ވޮވްކް ވަނީ އެސްޓޯނިއާ އަށް ދަތުރުކޮށްފަ އެވެ.
އެމީހާ ހޯދުމުގެ މަސައްކަތް އެފްއެސްބީއިން މިހާރު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.


