ދުޅަހެޔޮ ސިއްޙަތަކަށް، ލޮނުމެދު ސައި – މިވަރެއްނެތް!
ލޮނުމެދު ސަޔަކީ ގަބޫލުވެސް ނުކުރެވޭފަދަ ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ ބުއިމެކެވެ. އެހެންކަމުން ލޮނުމެދު ސައިތައްޓަކުން ތިބާގެ ޙަޔާތުގެ ކޮންމެ ދުވަހެއްވެސް ފަށާނަމަ ހަށިގަނޑަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިންލޮނުމެދަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް، އިންފެކްޝަންތައް ނައްތާލައި، ހަޖަމުކުރާ ނިޒާމު ރަނގަޅު މަގަށް ގެނައުމަށް އެހީތެރިވެދޭ ނިއުޓްރިއެންޓްތަކުގެ ތެރެއިން ހިމެނޭ ބާރުގަދަ ބާވަތެކެވެ. އެކަމަކު ހަމައެކަނި ކެއުމަށް ލޮނުމެދު ބޭނުންކުރުމުގެ ބަދަލުގައި ލޮނުމެދު ސައި ބޮއެގެން މި ފައިދާތައް ހަށިގަނޑަށް ލިބޭމިންވަރު ރަނގަޅު ވެފައި އަވަސްވާނެއެވެ.
ލޮނުމެދުސަޔަކީ ސިއްހަތު ރެގިއުލޭޓް ކުރުމަށް ރަނގަޅު ބުއިމަކަށްވަނީ ހާއްސަކޮށް އެއިން ދުވަސް ފަށައިފިނަމައެވެ. އެއީ ފަހަރެއްގައި ތިބާއަށް އެންމެ މީރު ބުއިން ކަމުގައި ނުވެދާނެއެވެ. އެކަމަކު އޭގައި ވިޓަމިން އޭ، ބީ، އަދި ސީ، އާއި އެންޓިއޮކްސިޑެންޓްސް، ފައިބަރ، މެންގަނީޒް، އަދި ސަލްފަރ އިން ފުރިފައިވާތީ، އެއީ ތިބާގެ ހަށިގަނޑަށް ނުވަތަ ސިއްޙަތަށް އެންމެ އެކަށީގެންވާ ރަނގަޅު ބުއިންކަމުގައި ދެންނެވިދާނެއެވެ.
ދަ ޔުނިވާސިޓީ އޮފް އޮރެގަން ލައިނަސް ޕޯލިންގް އިންސްޓިޓިއުޓުން ބުނާ ގޮތުގައި ލޮނުމެދަކީ އޯގަނޯސަލްފަރުގެ މޮޅު މަސްދަރެކެވެ. ލޮނުމެދު ކޮށާލުމުން އެލިނޭޒް ކޮމްޕައުންޑެއް އެއިން ދޫކޮށްލާނެއެވެ. އެއީ ކާޑިއޯ ވެސްކިއުލަރ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.

މިލިޔުމުގައި މި ހިމަނާލަނީ ލޮނުމެދު ސައިން ލިބޭނެ ޚާއްޞަ 5 ފައިދާއެކެވެ.
1. ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މޮޅު އެއްޗެއް:
ލޮނުމެދު ސަޔަކީ ހިތަށާއި، ސިއްހަތަށް ފައިދާހުރި މާއްދާތަކެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. އެއީ ހިތުގެ ބަލިތައް ހުންނަ މީހުންނަށް އެތެރޮސްކްލޮރޯސިސް ޖެހުމަށް ހުރަސްއަޅާ އޯގަނޯސަލްފަރ ކޮމްޕައުންޑެއް ކަމަށްވާ އެލިސިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި ލޮނުމެދު ސައިގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުވެ، ބެޑް ކޮލެސްޓްރޯލް (އެލްޑީއެލް) ގެ މިންވަރު ދަށްކޮށްދީ، ލޭހޮޅިތައް ބްލޮކްވުން ހަނިކޮށްދީ އެކަމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
2. ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ:
ލޮނުމެދުގެ އެލިސިން އާއި އެކު އޭގައި ހިމެނޭ އެންޓިފަންގަލް، އެންޓިބެކްޓީރިއަލް، އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އިން ރެޑިކަލްސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދެ އެވެ. އެއީ ހަމައެކަނި ބެކްޓީރިއާ އާއި އެހެނިހެން މަރުވާ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށް ކުރިއަށް ގެންދާ އެއްޗެހިތަކެކެވެ.
3. ލޮނުމެދުގައި ވެސް ކެންސަރާ ދެކޮޅު މާއްދާތައް އެކުލެވޭ:
ލޮނުމެދު ސައިގައި އެންޓި-ކާސިނޯޖެނިކް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، ކެންސަރުގެ އެކި ބާވަތްތަކުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދު ސައި ބޭނުންކުރާ މީހުންނަށް ބަނޑާއި އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވާނެ އެވެ.
4. ނޭވާލާ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދޭ:
ހުން އައުން، ކެއްސުން، ސައިނަސް އިންފެކްޝަން، ހުން ނުފިލާހުރުން، ކަރުތެރޭގައި ރިއްސުން ފަދަ ކަންކަން ދިމާވެއްޖެނަމަ، ލޮނުމެދުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް ތިބާއަށް އެހީތެރިވެދޭނެއެވެ. އޭގެ ސަބަބުން، ލޮނުމެދަކީ ވެސް ނޭވާހިއްލުން ހުންނަ މީހުންނަށް ފައިދާހުރި އެއްޗެއް ކަމަށް ބެލެވުނު ނަމަވެސް، އެ ފަދަ ބައްޔަކަށް ލޮނުމެދު ސައި ބުއިމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުން ރަނގަޅުވާނެއެވެ.
5. ލޮނުމެދު ސައިގެ ސަބަބުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ:
ބަރުދަން ލުއިކުރުމަކީ ތިބާގެ ސިކުނޑީގައި އޮތް ކަމެއް ނަމަ ދެން ލޮނުމެދު ސައި ބޭނުންކުރާށެވެ. ލޮނުމެދު ސައިން ތިބާއަށް އެހީތެރިވެދޭނެ އެވެ. އެހެނީ ލޮނުމެދު ސަޔަކީ ސަރުބީ ވިރުވައިދީ، މެޓަބޮލިޒަމް ސްޕީޑް މަތިކޮށްދީ، ކެއުމަށް ހުންނަ ޝައުގުވެރިކަން ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ލޮނުމެދު ސައި ތައްޔާރު ކުރާނެގޮތް:
1 ވަނަ ފިޔަވަޅު: ފެންތަށްޓަކަށް ދެބައިކޮށް ކޮށާފައި ހުންނަ 2 އާއި 3 އާއި ދެމެދުގެ އަދަދަކަށް ލޮނުމެދު އަޅާށެވެ.
2 ވަނަ ފިޔަވަޅު: ކައްކާލުމަށްފަހު އުނދުން ނިއްވާލާށެވެ. ބޭނުން ނަމަ ރަހަ ރަނގަޅު ކޮށްލުމަށް ލުނބޯ ހުތް ފޮދެއް އޭގެތެރެއަށް ފެލައި ލުމަކީ މައްސަލައެއްނޫނެވެ.
3 ވަނަ ފިޔަވަޅު: ސައި ތަށި ތާފަނާކޮށް ހުއްޓައި ބޯށެވެ.
ތިބާގެ ދުވަހުގެ ފެށުމަކީ ލޮނުމެދު ސައި ކަމުގައި ހަދައިފިނަމަ ހަށިގަނޑަށް އަންނަ ބަދަލުތައް ދާދި އަވަހަށް ފެންނާނެއެވެ.





Dhe bai ko koshaa fa mi bunaa eche ney gunu