ޓުވިޓަރ ގަތުމަށް ހެދިއެއްބަސްވުން މަސްކު ދޫކޮށްލައިފި
ދުނިޔޭގައި މިވަގުތުހުރި އެންމެބޮޑު މަހުޖަނު އެލަންމަސްކް ޓުވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރަށް ހެދިއެއްބަސްވުން މަސްކު ދޫކޮށްކަމަށް މީޑިއާ ރިޕޯޓްތައެއް ބުނެފިއެވެ.
ފޭކް އެކައުންޓުތަކުގެ މައުލޫމާތު ލިބެންދެން، ޓުވިޓަރ ގަތުމަށް ކުރަމުން އައި މަސައްކަތްތައް މަސްކު މަޑުޖައްސާލައިފައި ވަނީ ޓުވިޓަރގެ މެނޭޖްމަންޓުން އެ ޕްލެޓްފޯމުގެ ފޭކް އަދި ސްޕޭން އެކައުންޓުތަކުގެ ފުރިހަމަ މައުލުމާތު ދީފައި ނުވާކަމަަށް ވިދާޅުވެއެވެ.
ސެކިއުރިޓީ އެންޑް އެކްސްޗޭންޖު ކޮމިޝަން (SEC)އަށް މަސްކުގެ ގާނޫނީ ވަކީލުން މި ހަފްތާގެ ހުކުރު ދުވަހު ހުށަހަޅާއިވައި ކަރުދާސްތަކުގައި ބުނެފައިވަނީ، ޓުވިޓަރ ކުންފުނީގެ ވިޔަފާރިއަށް އެންމެ މުހިން މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ، އެ ޕްލެޓްފޯމުގައި ހަދާފައިވާ ފޭކް އެކައުންޓުތަކާއި އަދި ސްޕޭމް އެކައުންޓަކުގެ މައުލޫމާތު ދިނުމުގައި އެ ކުންފުނީގެ މެނޭޖްމަންޓް ފެއިލްވެ ނުވަތަ އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައި ވާކަމުގައެވެ.
“ޓުވިޓަރއިން ވަނީ ބައެއް ފަހަރަށް މަސްކުގެ ރިކުރެސްޓްތައް އަޅާނުލާ ދޫކޮށްލާފަ، އަދި އަނެއްބައި ފަހަރަށް ވަނީ، އެކަށީގެން ނުވާ ސަބަބުތައް ދައްކާ ރިކުއެސްޓްތަކަށް ދެކޮޅު ހަދާފަ، އަނެއްބައި ފަހަރަށް ރިކުއެސްޓުތަކަށް ފޯރު ކޮށްދީފައިވަނީ ފުރިހަމަ ނޫން، ނުވަތަ ބޭނުން ނުހިފޭ މައުލޫމާތު،” މަސްކުގެ ގާނޫނީ ވަކީލުން ހުށަހަޅާފައިވާ ކަރުދާސްތަކުގައި ހާމަކޮށްފައި ވެއެވެ.
“ޓުވިޓަރއިން ވަނީ ވެފައިވާ އެއްބަސްވުމުގެ އެތައް މާއްދާއަކާއި ތަކުރާރުކޮށް ޚިލާފް ވެފަ. އެގްރީމަންޓުގައި މަސްކުއާއެކީ އެއްބަސްވި އެތައްކަމަށް ޓުވިޓަރއިން ދައްކާފައިވަނީ ހަގީގީ ނޫން ތަސައްވުރެއް ނުވަތަ ހަގީގަތާއި ޚިލާފް ކަންކަން،” މި ލިޔުންތަކުގައި މަސްކުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވެއެވެ.
އެސޯސިއޭޓް ޕްރެސް އަދި އަދި ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަސްކު ޓުވިޓަރ ޑީލް ދޫކޮށްލުމާއި ގުޅިގެން ޓުވިޓަރ ކުންފުނިން އަދި ކޮމެންޓެއް ކޮށްފައި ނުވެއެވެ.
އެހެންނަމަވެސް ޓުވިޓަރގެ ޗެއަރމަން ބްރެޓް ޓެއިލަރ ހުކުރު ދުވަހުގެ ހަވީރު ޓުވީޓު ކުރައްވާފައި ވާގޮތުގައި، މަސްކާއެކީ ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ނަމަ ދައްކަން ޖެހޭ އަގުތައް ދެއްކުމަށްފަހު، ނިމުމަކަށް ގެންނަން ޓުވިޓަރގެ ބޯޑުން އޮތީ ތައްޔާރަށް ކަމަށާއި، މާރޖާރ އެގްރީމަންޓް (ޑިލް ނިމުމަކަށް ގެންނަން ޖެހިއްޖެނަމަ އެ މުއާމަލާތް ކުރިޔަށް ދާނޭ ގޮތް ބަޔާންކުރާ އެއްބަސްވުން) ތަންފީޒު ކުރުމަށް ގާނޫނީ މަރުހަލާއާއި ހަމައަށް ދިއުމަށް ޓުވިޓަރއިން ތައްޔާރުވަމުން ދާކަމުގައެވެ.
މަސްކުއާއި ޓުވިޓަރއާ ދެމެދު ހަދާފައިވާ އެގްރީމަންޓުގައި ވާގޮތުން، ދެފަރާތުންކުރެ އެއްވެސް ފަރާތަކުން މި މުއާމަލާތް ހުއްޓުމަކަށް ގެނެސްފިނަމަ، އެފަރާތަކުން އަނެއްފަރާތަށް ޓާރމިނޭޝަން ފީއެއްގެ ގޮތުގައި 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.
މީއަހަރުގެ އެޕްރިލްމަހު ޓުވިޓަރއިން ހާމަ ކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަ 3 މަސްދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް ޓުވިޓަރ ބޭނުން ކުރަމުންދާ މީހުންގެ ނިސްބަތަށް ބަލާއިރު ފޭކް އެކައުންޓުތަކުން ނިސްބަތަކީ ކޮންމެ ދުވަހަކުވެސް ޓުވިޓަރ ބޭނުންކުރަމުންދާ މީހުންގެ %5 އަށްވުރެ ދަށް އަދަދެއް ކަމުގައެވެ.
އެހެންނަމަވެސް ޓުވިޓަރ ކުންފުނިން ބުނެފައިވާ ގޮތުގައި، ފޭކް އެކައުންޓުގެ ނިސްބަތް ކަނޑައެޅުމުގައި “ބޭނުން ކޮށްފައިވަނީ، ވަރަށް ރަގަޅު ލަފާކުރުންތަކެއް ކަމުގައިވާތީ، މިގޮތުން ކޮށްފައިވާ ލަފާކުރުން ފޭކް އެކައުންޓުތަކުގެ އަސްލު އަދަދާއި ދިމާނުވުން” އެކަށިގެންވާ ކަމުގައެވެ.
“ކޮށްފައިވާ އަންދާޒާއަށްވުރެ އަސްލު ފޭކް އެކައުންޓުތަކުގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެއް. އަބަދުވެސް އަހަރެމެންދަނީ، ފޭކް އެކައުންޓުތައް ދެނެގަތުމުގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން،” ޓުވިޓާރއިން ބުނެފައި ވެއެވެ.
ފޯބްސް މެގަޒިންއިން، މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި އިއުލާން ކޮށްފައިވާ، އެލޮން މަސްކު ފާއިތުވެދިޔަ ތަނުގައިވަނީ، ޓުވިޓަރގެ އަސްލު ފޭކް އެކައުންޓުގެ އަދަދު އަމިއްލައަށްވެސް ހިސާބު ކޮށްފައެވެ.
ފޯބްސް މެގަޒިންއިން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ބައިތުލްމާލުގައި 219 އެމެރިކާ ޑޮލަހުރި އެލޮން މަސްކުއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަދި މަހުޖަނެވެ.

