ޚަބަރު

ޔޯގާ ހަރަކާތުގެ ސެކިއުރިޓީ އަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދިނިން: މަޚްލޫފް


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާއި ގުޅޭ ގޮތުން ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދީފައިވާނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ އަންގާރަ ދުވަހު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ. އެ ހަމަނުޖެހުން ހިނގިއިރު ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންވެސް ތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މަަހުލޫފް ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ހަރަކާތެއް ރާވާ ނަމަ ސެކިއުރިޓީ ބްރީފިން ދިނުމަށް ހާއްސަ ބައްދަލުވުމެއް އަބަދުވެސް ބާއްވާކަމަށެވެ. އެ އުސޫލުން މި ފަހަރުގެ ޔޯގާ ހަރަކާތާ ގުޅޭ ގޮތުން، އެ ބައްދަލުވުމުގައި ފުލުހުންނަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދީފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާދިސާގައި ކަން ހިނގާދިޔަ ގޮތް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށެވެ. ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީއަށްވެސް ޖަވާބުދާރީ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިބައްދަލުވުމުފައި ވާހަކަ ދައްކަވަމުން އެސިއްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހަރަކާތާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް 21 މީހަކު ގެނެސްފައިވާކަމަށެވެ. އަދި މިހާތަނަށް މިހާދިސާގައި އަނިޔާވެރިއަމަލު ހިންގައިގެން ހޯދަން ބޭނުންވާ 4 މީހަކު ހޯދަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ. ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރިޔާޒު ވަނީ ދެއްވާފައެވެ.

ނެޝަނަލް ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ހިންގި އަމަލު ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށް އެއަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ތަޙްޤީގުކޮށް ފިޔަވަޅުއެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ
  • މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
  • އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު
  • މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
  • މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
  • މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް މިއެވެ.

ޔޯގާ ދުވަސް ފާހަގަކުރުން ހުއްޓުވުމަށް އަންގައި އިސްލާމިކް މިނިސްޓްރީ އިން މިމަހުގެ 15 ދުވަހު ވަނީ ފުލުހުންނަށް ސިޓީއެއްވެސް ފޮނުވާފައެވެ. ނަމަވެސް މެޑިޓޭޝަންގެ ޔޯގާ ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް ފޮނުވި ސިޓީ އަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close