ހައްޖު 2022: މަދީނާއަށް އެމިރޭޓްސްގެ ދަތުރުތައް ދެގުނަކޮށް، ޖިއްދާއަށް އާ 31 ފްލައިޓް
ކޮރޯނާ ވައިރަސްގެ ސަބަބުން ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް ކޮންޓްރޯލް ކޮށްފައި ދެ އަހަރު ދުވަހު އޮތުމަށްފަހު މިއަހަރު ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ހައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން ޖިއްދާ އާއި މަދީނާއަށް ދުވާލަކު ކުރާ ދަތުރުތައް އިތުރުކުރަން އެމިރޭޓްސް އެއާލައިނުން ނިންމައިފި އެވެ.
އެގޮތުން އެ އެއާލައިނުން ޖިއްދާއަށް އިތުރު 31 ފްލައިޓް ފޮނުވާއިރު ޖޫން 23 އިން ޖުލައި 20 އަށް މަދީނާއަށް ދުވާލަކު ކުރާ ދަތުރުތައް ދެގުނައަށް އިތުރުކުރާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިގޮތަށް އަމަލުކޮށްފައި މިވަނީ މިއަހަރު ހައްޖުވެރިންގެ އަދަދު އެއް މިލިއަނަށް އިތުރުކުރުމަށް އިއުލާން ކުރުމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުން ކަމަށްވާ ހައްޖުގެ އަޅުކަމަށް 2019 ވަނަ އަހަރު ގާތްގަނޑަކަށް 2.5 މިލިއަން މީހުން ބައިވެރިވި ވުމުގެ ފުރުޞަތު ދިން ނަމަވެސް 2020 ވަނަ އަހަރު ފުރުޞަތު ދީފައިވަނީ އެންމެ 1000 ހައްޖުވެރިންނަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ވެކްސިން ޖަހާފައިވާ އުމުރުން 65 އަހަރުން ދަށުގެ މުސްލިމުންނަށް ކަމަށް ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
ސައޫދީން ބޭރުން އަންނަ ފަރާތްތަކުން ހައްޖު ވިސާއަށް އެދި ހުށަހަޅަންޖެހޭއިރު، ދަތުރުކުރިތާ 72 ގަޑިއިރުގެ ތެރޭގައި ހެދި ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ކޮވިޑް-19 ޕީސީއާރު ހުށަހަޅަން ޖެހެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިންޑޮނޭޝިއާ، ޕާކިސްތާން، އިންޑިއާ، ބަންގްލަދޭޝް، ނައިޖީރިއާ، ތުރުކީ، މިސްރު، އިތިއޮޕިއާ، މެލޭޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، ޔޫއޭއީ އަދި އަލްޖީރިއާ އިން ހައްޖު ދަތުރުތަކަށް އެމިރޭޓްސް އަށް ވަރުގަދަ ޑިމާންޑެއް ލިބެމުން އަންނަ ކަމަށް ވެ އެވެ.




