“މަޖީދީ ރަން“ ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ ދެ ކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފި
މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ”މަޖީދީ ރަން“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން މިރޭ ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
95 ގަޑިއިރަށް މެދުނުކެނޑި ދިގުދެމިގެންދިޔަ މަޖީދީ ރަން ނިންމުމުގެ މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ.
މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ.
މަޖީދީ ރަންގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މި ރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ ޢަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


