ދެ ދޯނި ދޭތެރޭ ފިތުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި
ދެ ދޯނި ދޭތެރޭ ފިތިގެން އިއްޔެ ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް ހޮސްޕޓަލުން ބުނެފިއެވެ.
މ.މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު އޮންލައިން ނޫސް “ވަގުތު” އަށް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އެ ހާދިސާގައި ނިޔާވި އަބްދުﷲ އަހުމަދު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށާއި އެކަމަކު އިތުރަށް ތަހުގީގު ކުރުމަށް ހޮސްޕިޓަލަށް ހަށިގަނޑު ގެނައީ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މ. ކޮޅުފުށި ކައިރީގައި ދެ ދޯނި ކައިރި ކޮށްގެން އުޅެނިކޮށް ދެ ދޯނި ދޭތެރޭ މީހަކު ފިތިފައިވާ ކަމުގެ މައުލޫމާތު އިއްޔެ ހަވީރު 16:41 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް މުލި ރީޖަނަލް ހޮސްޕިޓަލަށް ގެނައިއިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިއްޔެ ހަވީރު ހިނގާދިޔަ މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާގައި ނިޔާވީ ބ. ހިތާދޫ އަބްދުﷲ އަހުމަދު އެވެ. އުމުރުން 60 އަހަރުގެ އަބްދުﷲ އަހުމަދަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރާ ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.
އެހާދިސާހިނގީ އެ ދޯންޏާއެކު، ދަތުރު ކުރަމުންދިޔަ އެހެންދޯންޏަކާއި، ދެ ދޯނި އެ ތަނުގައި ބަންނަން އުޅެނިކޮށް، އަބްދުﷲ އަހުމަދު ދޯނިން ކަހާލައިގެން ވެއްޓި ކަމަށް ވަނީ ފުލުހުން މައުލޫމާތު ދެއްވާފައެވެ.
އަބްދުﷲ އަހުމަދުގެ ފަސް ކުދިންނާއި އަންހެނުން އަދި އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ.

