ފިތުރު ޢީދު ދުވަހަކީ މެއި މަހުގެ 2 ވަނަ ދުވަސްކަމުގައި ފަލަކީ ހިސާބުތަކުން ދައްކައިފި
ފިތުރު ޢީދު ދުވަހަކީ މެއި މަހުގެ 2 ވަނަ ދުވަސްކަމުގައި ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
ޔޫއޭއީގެ ބައިނަލްއަގުވާމީ އެސްޓްރޮނޮމިކަލް ސެންޓަރުން ބުރާސްފަތި ދުވަހު ބުނީ، އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ރޯދަ މަސް ފެށުނު ގިނަ ގައުމުތަކަށް ފިތުރު އީދު ދުވަހަކީ މެއި މަހުގެ 2 ވަނަ ދުވަސްކަމުގައި ކަށަވަރު ވެފައިވާކަމަށެވެ.
އެ ސެންޓަރުގެ ޑިރެކްޓަރު އިންޖިނިއަރު މުހައްމަދު ޝައުކަތު އޮޑޭހް ތަފްސީލުކޮށްދެއްވި ގޮތުގައި އޭޕްރީލް 30 ވަނަ ދުވަހު އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެތީ ކްރެސެންޓް ހަނދު ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރަމަޟާން މަސް ފެށުނު ޤައުމުތަކުން ރަމަޟާން މަސް ނިމޭނީ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށާއި ފިޠުރު ޢީދު ދުވަސް ފާހަގަކުރާނީ މެއި މަހުގެ 2 ވަނަ ދުވަހު ކަމަށް އޮޑޭ ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 3 ވަނަ ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅި ޤައުމުތައް ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނޭޝިއާ، މެލޭޝިޔާ، ބްރޫނާއީ، އިންޑިއާ، އޮމާން، އުރުދުން އަދި މޮރޮކޯ ފަދަ ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު މެއި 1 ވަނަ ދުވަހު ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އޮސްޓްރޭލިއާ އާއި އެޤައުމުގެ ވަށައިގެންވާ ސަރަހައްދުތަކަށް މެއި މަހުގެ 1 ވަނަ ދުވަހު ހަނދު ފެނުމަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް އޮޑޭ ފާހަގަ ކުރެއްވި އިރު، ޓެލެސްކޯޕެއް މެދުވެރިކޮށްގެން ނޫނީ މެދުތެރެއާއި ހުޅަނގު އޭޝިއާ، ޔޫރަޕާއި އަދި އެފްރިކާގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް އެ ހަނދު ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮޑޭ ވިދާޅުވި އެވެ.
“މެއި މަހުގެ އެއްވަނަ ދުވަހު ކްރެސެންޓް ހަނދު ބަލަން މަސައްކަތް ކުރާނެ ގިނަ ގައުމުތަކުން އެންމެ ބޮޑަށް އިއުލާން ކުރާނީ މެއި މަހުގެ 2 ވަނަ ދުވަހަކީ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް،” އޮޑޭ ވިދާޅުވި އެވެ.
