ރައީސް ނަޝީދު ބާކީ ކުރަންވެސް، އެކަހެރިކުރަން ވެސް އެއްވެސް ކަހަލަ ނިޔަތެއް ނެތް: ފައްޔާޒް
ރައީސް ނަޝީދު ބާކީ ކުރަންވެސް، އެކަހެރިކުރަން ވެސް އަދި ޕާޓީން ބޭރުކުރަން ވެސް އެއްވެސް ކަހަލަ ނިޔަތެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗެއާޕަރސަން ކަމުގެ ކެމްޕެއިނަށް މިއަދު ގއ. ފަރެސްމާތޮޑާއަށް ވަޑައިގެން، ކެމްޕެއިނު ޓީމާ ބައްދަލުކުރައްވައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ބާކީ ކުރަންވެސް، އެކަހެރިކުރަން ވެސް އަދި ޕާޓީން ބޭރުކުރަން ވެސް އެއްވެސް ކަހަލަ ނިޔަތެއް ނެތް ކަމަށާއި މި މަސައްކަތް ފެށީ ރައީސް ނަޝީދުގެ ވެސް އެހީތެރިކަމާއެކު ކަމަށެވެ.
“ދެން ހިޔާލު ފަހުން ބަދަލުވީ. އަޅުގަނޑަކީ ސިޔާސީ މީހެއް. އިންތިހާބަކުން ބަލިވުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން. ފަހަތަށް ޖެހުމަކީ އަޅުގަނޑަށް މައްސަލައެއް. އެހެންވީމަ ފަހަތަށް ޖެހެވޭކަށް ނެތް” މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ހޮވިވަޑައިގެންފިނަމަ، މަސައްކަތް ކުރައްވާނީ ޕާޓީގެ ރައީސާއި އިސް ލީޑަރާއި އަދި ރައްޔިތުންގެ މެމްބަރުންގެ އިތުރުން ދާއިރާގެ ރައީސުން އަދި ގޮފީ މެމްބަރުންނާއި އާންމު މެމްބަރުންނާ ވެސް އެއްކޮށް އެކައްޗެއް ކިޔައިގެން ޕާޓީ ކުރިއަށްގެންދަން ކަމަށެވެ.

