ޚަބަރު

ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގެ ސައްކަތްތަކުގައި އަންހެނުންގެ ހިއްސާ އޮންނަން ޖެހޭ – މިނިސްޓަރ

އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމުން ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްތަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީއ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެތަހުނިޔާ ފޮނުއްވާ ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިޠާބުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި އެފަދަ ބަދަލުތަކަށް އެޑެޕްޓް ވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަންހެނުންނަކީ މުޖުތަމަޢެއްގެ ވިސްނުމާއި، ޚިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައްކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށެވެ. ރާއްޖޭގެ ނިޒާމުތައް މިހާރު ހުރި ގޮތުން، އެފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭނެއް ފާސްކޮށްފައިވާކަން މިނިސްތަރ ވަނީ ފާހަގަކުރައްވާފައެވެ.
ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމކުރުމަށް ކުރާ މަސައްކަތް ތަކުގައި އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ލަފާދެއްވުމަށް އެކުލަވާލާ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިންމެވި ނިންމުމަކީވެސް، މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް އަދި ޚާއްސަކޮށް އެމަނިކުފާނު، އަންހެނުން ކުރިއެރުވުމަށް ދެއްވާ އަޙައްމިއްޔަތުކަން ޔަޤީންކުރެވިގެންދިޔަ ކަމެއްކަމަށް މިނިސްތަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް މިދިޔަ އަހަރުގެ ޑިސެންބަރުގައި ގެޒެޓްކުރި ޤަވާއިދަށް، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެކަމަށެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ޙާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫ.އެން.ވިމެން އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ
“Gender equality today, for a sustainable tomorrow” ނުވަތަ “ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު” އެވެ.

އެއް ކޮމެންޓް

  1. ބަލަ މިހާރު ވެސް އަންހެނުންނަކީ ދެމެހެއްޓެނިވި ތަރައްގީގާ ޝާމިލު ވެގެން އުޅޭ ބައެއް ނޫންތޯ އޮފީސް މޭޒު ދޮށުގަޔާ މިނިސްޓަރު ކަން ނުކުރިއަސް ގޭގާ ތިބެގެން އަންހެނުން އެ ކުރާ ވަރުގަދަ ޖިހާދަކީ ތި ކިއާ އޮފީސް ތަކާ މިނިސްޓަރު ކަން ކުރުމަށް ވުރެ މާ ހީވާގި މާކެރޭ ކަންތައް ތަކެއް ނޫން ބާ ގެވެހި އަންހެނުންގެ މި ކުޅަދާނަކަން ނޫންތޯ އެމީހުންގެ ޅަދަރީން ގައުމައްޓަކާ ބިނާ ކުރުމަކީ؟ މަގުތަކުގާ ހޯބޯ ނުލެވިއަސް މަޖުލިސް ތަކުގާ ހޯބޯ ނުލެވިއަސް ގޭތެރޭގަ ދިރިއުޅުން ބިނާ ކުރުމަކީ މާ މުހިއްމު ކަމެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close