ދީން

“ޝަޢުބާންމަސް” ރަމަޟާންމަހަށް ތައްޔާރުވާން ލިބޭ ދުވަސްތައް

ޝަޢުބާން މަހަކީ، ބަރަކާތްތެރި ރަމަޟާންމަހުގެ ކުރިޔަށް އޮންނަ މަހެވެ. ޝަޢުބާން މަހަކީ، ބަރަކާތުން ފުރިގެންވާ ރަމަޟާންމަހަށް ތައްޔާރުވުމަށް ލިބޭ ދުވަސްތަކެކެވެ. ހުރިހާގޮތަކުންވެސް މެއެވެ. ޚާއްޞަކޮށް ރޫޙާނީގޮތުން މީހާގެ ނަފްސު ރަމަޟާންމަހަށް ތައްޔާރުކުރުމަށްލިބޭ ރަނުގެ ފުރުޞަތެކެވެ. ރަމަޟާންމަހަކީ، އެމަހެއްގައި ރޯދައަށް ހުރުން ފަރުޟު ކުރެވިފައިވާ މައްސަރަކަށްވާތީވެ، ރޯދަހިފުމަށް މީހާ ރޫޙާނީގޮތުންނާއި ޖިސްމާނީގޮތުންވެސް ތައްޔާރުވެލުމަށް ލިބޭ ދުވަސްތަކެކެވެ.

އާދެ! ޖެހިގެން އޮތްމަހުގައި އޮތީ ފުޓުބޯޅަ މުބާރާތްކަމަށްވާނަމަ، އޭގެ ކުރިޔަށް ލިބޭ މަސްދުވަސް އެއްކޮންހެން ދުއްވާލާނީ މުބާރާތަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމަށެވެ. މިއީ ހަމަގައިމުވެސް ޔަޤީންކަމެކެވެ. ސަބަބަކަށްވަނީ މުބާރާތުން ރަނގަޅު ކާމިޔާބީއަކާއި ހަމައަށް ވާޞިލުވުމަށް ހުރިހާ ގޮތަކުންވެސް ތައްޔާރުވުމެވެ. އަދި އެދުވަސްތަކުގައި ކުރެވޭ ފަރިތަކުރުންތަކުގައި އެހެން ކުޅިވަރެއް ކުޅުމަކަށް ވަގުތު ދުއްވައެއް ނުލާނެއެވެ. މިއީ އިންސާނާގެ ބުއްދި ޤަބޫލުކުރާގޮތްވެސްމެއެވެ.

އެހެންކަމުން، ޝަޢުބާންމަހަކީވެސް އެފަދަ މަހެއްގޮތުގައި ތިބާ ދެކޭށެވެ. އެއީ ރަމަޟާންމަހަށްޓަކައި ތައްޔާރުވުމަށް ތިބާއަށް ލިބޭ ފަރިތަކުރުމުގެ ދުވަސްތައްކަމުގައި ދެކިގެން އެމަހުގެ ބޭނުން އެދެވޭގޮތުގައި ހިފުމަށް ޢަޒުމު ކަނޑައަޅާށެވެ. އަދި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހުގައި ކުރެވޭނެކަމަކީ، ގިނަގިނައިން ރޯދައަށް ހުރުންކަމުގައި ތިބާ ދެކޭށެވެ.

ޝަޢުބާން މަހަކީ، މީސްތަކުން އެމަހަކާއިމެދު ޣާފިލުވެފައިވާ މަހެއްކަމަށް އައިސްފައިވެއެވެ. އަދި ހަމަ އެހެންމެ، އުއްމަތުގެ މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެގިނައިން ސުންނަތް ރޯދަ ހިތްޕެވީވެސް އެމަހުގައިކަމަށް ޘާބިތުވެގެން އައިސްފައިވެއެވެ. އޭގެންވެސް ދޭހަވެގެންދަނީ އެކަލޭގެފާނު ރަމަޟާންމަހަށްޓަކައި ތައްޔާރުވެވަޑައިގެންނެވުމުގެ ގޮތުން ރޯދަ ހިތްޕެވިކަމެވެ.

އަހަރުގެ އެހެނިހެން މަސްތަކުގައި ސުންނަތް ރޯދަ ނުހިއްޕަވާހާ ގިނައިން ޝަޢުބާން މަހު ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ރޯދަ ހިއްޕަވައެވެ. އުސާމަތު ބުނު ޒައިދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

ތިމަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އެހެން މަސްތަކުގައި ނުހިއްޕަވާހާ ގިނައިން، ކަލޭގެފާނު ޝަޢުބާންމަހު ސުންނަތް ރޯދަ ހިއްޕަވަނީ ކީއްވެގެންތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އެއީ ރަޖަބު މަހާއި ރަމަޟާންމަހާ ދެމެދުގައި އޮންނަ، މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެއްކަމުގައި ވާތީއެވެ. އަދި އެ މަހަކީ ޢާލަމުތަކުގެ ވެރި ރައްބުގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ވީމާ، ތިމަން ކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވޭހިނދު ރޯދައަށް ހުންނެވުމަށް ލޯބި ކުރައްވަމެވެ.”

شعبان މަހާމެދު ވާރިދު ވެފައިވެއެވެ. البخاري އަދި مسلم ގެ ރިވާޔަތުގައިވެއެވެ.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ‏.‏ فَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ إِلاَّ رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ‏.‏ (ޞަޙީޙް ބުޚާރީ 1969)

ނަބިއްޔާގެ ﷺ އަނބިކަނބަލުން عائشة رضي الله عنها ވިދާޅުވެފައިވެއެވެ. “ބައެއްފަހަރު (ނަބިއްޔާ ﷺ) ރޯދައަށް ހުންނަވާލެއް ގިނަކަމުން ދެން ރޯދަ ދޫނުކުރައްވާނޭ ތިމަން ކަމަނާއަށް ހީފުޅުވެއެވެ. އަދި (ބައެއްފަހަރު ރޯދަ ދޫކުރައްވާ ހުންނަވާ ދުވަސްތައް ހޭދަކުރެއްވުމުން) ދެން ރޯދަ ނުހިއްޕަވާނެއޭ ހީފުޅުވެއެވެ. رمضان މަސް ފިޔަވައި އެހެން މައްސަރެއްގެ އެންމެހައި ދުވަސްތަކެއްގައި ރޯދައަށް ހުންނަވައި މުޅި މަސް އެއްކޮށް ހަމަކުރެއްވި ތަނެއް ތިމަން ކަމަނާ ދެކެވަޑައި ނުގަންނަވަމެވެ. އަދި شعبان މަހަށްވުރެ ގިނައިން (އެއްމަހެއްގައި) ރޯދައަށްހުންނަވާ އެހެން މައްސަރެއް ނުދެކެމެވެ”.

ލޮބުވެތި އަޚުންނާއި އުޚުތުންނޭ! އެހެންކަމުން ޝަޢުބާންމަހުގައި ވީހާވެސް ގިނައިން ރޯދައަށް ހުރެވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ. ޝަޢުބާންމަހާއިމެދު ޣާފިލުވެފައިވާ މީހަކަށް ތިބާ ނުވާށެވެ. ބަރަކާތުން ފުރިގެންވާ ރަމަޟާންމަހަށް ތައްޔާރުވުމަށްލިބޭ ރަނުގެ ފުރުޞަތުގެ ބޭނުންތިބާ އެދެވޭގޮތެއްގައި ހިފާށެވެ.

ދުޢާއަކީ، ޝަޢުބާންމަހުގައި ގިނަގިނައިން ރޯދަހިފުމުގެ ހެޔޮތައުފީޤު ﷲ ތަޢާލާ އަޅަމެންނަށް މިންވަރުކޮށްދެއްވައި ބަރަކާތްތެރި ރަމަޟާންމަހާއި ބައްދަލުވެ އެމަހުގައި އަޅުކަންކުރުމުގެ ހެޔޮތައުފީޤު މިންވަރުކޮށްދެއްވުމެވެ. އާމީން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close