ރައީސް ނަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ވަރުގެ ކަމެއް ނެތް – ފުލުހުން
ޖަމިއްޔަތުލް އިއްތިހާދުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ވަރުގެ ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން އެފަދަ މައްސަލައެއް ސިޓީއެއްގެ ޒަރިއްޔާއިން ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ. އެކަމާއި ގުޅިގެން ފުލުހުން އޭރު ބުނީ އެސިޓީއާ ގުޅޭގޮތުން ބަލަންހުރިކަމެއްވާނަމަ އެކަމެއް ފުލުހުން ބަލަމުންދާނެކަމަށެވެ.
މިއަދު ފުލުހުން އެމައްސަލައާ ގުޅިގެން ބުނީ އެ މައްސަލައިގައި ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން ނަޝީދު ރާއްޖޭގައި ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ތަހުގީގެއް ނުހިންގާ ކަމަށެވެ.
ޖަމިއްޔަތުލް އިއްތިހާދުން ފުލުހުންނަށް ހުށައެޅި މައްސަލާގައި ބުނީ ނަސާރާ ދީނުގައި ފާހަގަކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުވާކަމަށާއި އަދި އޭގެ ކުރީ އަހަރުތަކުގައިވެސް ނަޝީދު ހަމަ އެބީދައިން އަމަލުކުރައްވާތީ އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅިކަމަށެވެ.
ޖަމިއްޔަތުލް އިއްތިހާދުން ހުށަހެޅި މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ މެދު ޢާއްމުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެކަމަށާއި، މޭ 6 ގެ ހަމަލާއަކީ އެކަމުގެ ނަތީޖާ ކަމަށެވެ.



