ޚަބަރުބޭރުދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ ޔޫއޭއީއަށް ކުރައްވާ ޖެނުއަރީ ދަތުރުފުޅު ފަސްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔޫއޭއީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވާފައިވާކަން، އިންޑިއާ އެމްބަސީ އަބޫދާބީއިން ކަށަވަރުކޮށްދީފިއެވެ.

“ދަތުރުފުޅު ފަސްކުރައްވައިފި. އެކަމަކު އެކަން ކެންސަލްކޮށްފައެއް ނުވެ އެވެ. ވަރަށް އަވަހަށް އެކަން ވާނެ،” އިންޑިއާ އެމްބަސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، މޯދީ ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ކަމަށާއި، އޭގެ އަނެއް ދުވަހު މޯދީ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔޫއޭއީއިން ވަނީ ދާދިފަހުން އެގައުމުގައި ކޮވިޑުގެ ކޭސްތައް އިތުރުވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އޮތް ނުރައްކަލަކީ ފަސްކުރަން ޖެހޭ ސަބަބެއްތޯ ސުވާލު ކުރުމުން އޮފިޝަލް އިޝާރާތް ކުރެއްވީ “ރަސްމީ އެއްވެސް ސަބަބެއް އަދި އަންގާފައި ނުވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ދަތުރުފުޅު ކުރައްވާނެ” ކަމަށެވެ.

މި ދަތުރުފުޅުގައި އިންޑިއާ-ޔުނައިޓެޑް އަރަބް އެމިރޭޓްސް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަރޝިޕް އެގްރީމަންޓް (ސީ.އީ.ޕީ.އޭ) ރަސްމީކޮށް އިޢުލާނު ކުރައްވާނެ ކަމަށް ބެލެވެއެވެ. އާ އެއްބަސްވުމުގެ ސަބަބުން ފަސް އަހަރު ތެރޭ ބައިލެޓްރަލް ޓްރޭޑް 115 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އަދި އެކްސްޕޯ 2020 ދުބާއީގައި ހުންނަ އިންޑިއަން ޕެވިލިއަންއަށް ވެސް ބޮޑުވަޒީރު ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. މި އެކްސްޕޯއަކީ ވިޔަފާރިވެރިންނަށް ބައިލެޓްރަލް ޓްރޭޑްގެ އާ ފުރުސަތުތަކާއި އެކި ދާއިރާތަކުގައި ޕާޓްނާޝިޕް ހެދުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ބާއްވާ ޕްލެޓްފޯމެކެވެ.

ޔޫއޭއީއަކީ 2019-20 ވަނަ އަހަރު އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ޔޫއޭއީއަކީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ މަންޒިލްވެސްމެއެވެ. 2019-20 ވަނަ އަހަރު ޔޫއޭއީގެ އެކްސްޕޯޓްގެ އަގު ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރަށް އަރައެވެ.

2019 ވަނަ އަހަރު ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާގެ ގޮތުގައި އިންޑިއާ އޮތް އިރު، ބައިލޭޓަރަލް ނޮން-އޮއިލް ޓްރޭޑްގެ އަގު 41 ބިލިއަން ޑޮލަރަށް އަރައެވެ. ޔޫއޭއީއަކީ އިންޑިއާގައި އަށް ވަނައަށް އެންމެ ބޮޑު އިންވެސްޓަރެވެ. 2000 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަނަ އަހަރުގެ މާޗް މަހާ ދެމެދު 11 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ޔޫއޭއީއަކީ އިންޑިއާގެ ކުންފުނިތަކުން ޔޫއޭއީގައި އިންވެސްޓްކުރާ މިންވަރު 85 ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ގައުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close