ގާފަރު ދަތުރު ނިންމަވައިލެއްވުމަށްފަހު ރައީސް ޞާލިޙް އެނބުރި މާލެ ވަޑައިގެންފި
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ.ގާފަރުގައި ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ޞާލިޙް ގާފަރަށް ވަޑައިގެންނެވީ އިއްޔެ މެންދުރުފަހުގައެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަނީ, ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީ ގޮތުން ހުޅުއްވައި ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ, ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވައިފައެވެ. އަދި މަސްވެރިންގެ ދުވަހާއި ގުޅިގެން އެ ރަށުގައި ކުރިޔަށް ގެންދިޔަ ފިޝަރީޒް އެކްސްޕޯއަށް ވެސް ޒިޔާރަތްކުރެއްވިއެވެ.
ހަމައެހެންމެ ރައީސް ޞާލިޙް ވަނީ, މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ހަމައެއާއެކު ރައީސް ޞާލިޙް ވަނީ, ގާފަރު ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވައިލައްވައިފައެވެ. އަދި ގާފަރު ކައުންސިލާއި, އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމަށްފަހު, ގާފަރު ހެލްތް ސެންޓަރަށް ވެސް ޒިޔާރާތްކުރެއްވިއެވެ.
މި ދަތުރުފުޅުގެތެެރެއިން ނައިބު ރައީސް ވަނީ ގާފަރު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓް ހުޅުއްވައި ދެއްވާފައެވެ.



