ރިވެލި އެވޯޑް މިއަހަރު 13 ފަރާތަކުން ޙާޞިލް ކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ އެވޯޑް މިއަހަރު 13 ފަރާތަކުން ހާސިލްކޮށްފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ އެވޯޑެއް ވަނީ ދީފައެވެ. އެގޮތުން ރިވެލި ތަރި އެވޯޑާއި، ރިވެލި އެވޯޑް ވަނީ ދީފައެވެ.
ރިވެލި ތަރި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި ދޭން ފެށި އެވޯޑެކެވެ. މިއަހަރު މި އެވޯޑް ލިބިފައިވަނީ، 7 ފަރާތަކަށެވެ.
މީގެއިތުރުން ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ ދެއަހަރުން އެއް އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންދާ އެވޯޑެކެވެ.
އެއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހުނަރު ދައްކާލުމަށް ކުރިޔަށް ގެންދުވުނު “ރިވެލި ތަރި 2021” ޕްރޮގްރާމުގެ ތެރެއިން އެންމެ މޮޅުކަމަށް ފާހަގަކުރެވުނު ފަރާތްތަކެވެ.
ރިވެލި ތަރި އެވޯޑް ލިބުނު ފަރާތްތައް:
މުނިފޫހިފިލުވުމުގެ ދާއިރާއިން އަޔާން އާލް ބިން އަޙްމަދު ނާޞިރް، މ. އަބާނާ / ކ.މާލެ
ކުޅިވަރުގެ ދާއިރާއިން، ފާޠިމަތު އިބްރާހީމް – ކާނިމާގެ، ޅ. ހިންނަވަރު
ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – އަޙްމަދު ސާދިން، ރިޙާބު / ށ. ގޮއިދޫ
ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – ޙުސައިން ސާލިމް، ތެމާ / ހއ. އިހަވަންދޫ
ތަޢުލީމީ ދާއިރާއިން – ރަޔާން ރިޔާޟް ޢަބްދުލްވާޙިދު، ވަފާ /ހއ. އިހަވަންދޫ
ތަޢުލީމީ ދާއިރާއިން – މުޙައްމަދު މާޢިޒު، ދުންތަރި / ހއ. އިހަވަންދޫ
ސްކޫލް ކެޓެގަރީ އިން – އިމާދުއްދީން ސްކޫލް
ރިވެލި އެވޯޑް ލިބުނު ފަރާތްތައް:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، އަހުމަދު ސާދިން، ރިހާބު / ށ.ގޮއިދޫ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، މުޙައްމަދު ޔަމާމް، ގ.ޖަނަވަރީމާގެ
އެކިގޮތްގޮތުން ރީތިނަމާއި، ކާމިޔާބީތައް ހޯދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ދާއިރާއިން އަލްހާފިޒު މުޙައްމަދު އަޝްހަމް ޢަލީ، މއ.އަރިވަރު
ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އަޙުމަދު އާތިފް، ޝަބްނަމްގެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ޖަމާލުއްދީން ސްކޫލް
އެންމެ ފަހުން ރިވެލި އެވޯޑް ދީފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު 21 ފަރާތަކަށް އެވޯޑް ދީފައިވެއެވެ.


