މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ މީހަކު ހައްޔަރު ކޮށްފި
މާލޭގެ މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމުދިޔަ ބަނގުލާދޭޝް މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އާކާޝް ނަމަކަށް ކިޔާ އެމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި މާލެއިންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިސްކިތުގެ ހުރުމަތް ކަނޑާލާ، އާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގި ކަމުގެ ތުހުމަތުގައެވެ.
ވަގުތު ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ މިސްކިތު ގޯތި ތެރެއަށް ކުޑަކަމުދިޔަ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އޭނާ ކުށްވެރިވާ ކަމަށް ބެލެވޭނެ އެކަށީގެންވާ މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މިސްކިތުގެ ގޯތިތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި އޭނާ އިއްޔެ ހައްޔަރު ކޮށްފައިވާއިރު، މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް މީގެ ކުރިން ކުޑަކަމުދިޔަ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ދޫކޮށްފައެވެ.

