ކައުންސިލްތަކަށް ދޭ ބަޖެޓް 6 އިންސައްތައަށް ބޮޑުކުރަން ފެނޭ – އެލްޖީއޭ
ދައުލަތުގެ ބަޖެޓުގެ 5 ޕަސަންޓް ދީގެން ކައުންސިލްތަކުގެ ޚަރަދު މިހާރު ފޫނުބެއްދޭނެކަމަށާއި، އެއަދަދު 6 އިންސައްތައަށް ބޮޑުކުރަން ފެންނަކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ބައިވެރިވެ ވަޑައިގެން، އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ، ކައުންސިލުތަކުގެ ރިކަރަންޓް ހަރަދަށް އެކަނި ބްލޮކް ގްރާންޓަށްދޭ ހުރިހާ ފައިސާއެއް ޚަރަދުވާނެ ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި ބަަދަލާއެކު، ދައުލަތުގެ އާއްމުދަނީގެ ގޮތުގައި ލިބޭ ފައިސާގެ ފަސް ޕަސެންޓާއި ކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާއްމުދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޭން ޖެހެއެވެ. މިއަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ބަޖެޓްކޮށްފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. އެއީ ދައުލަތަށް ލިބޭ އާއްމުދަނީގެ ފަސް ޕަސެންޓް ކަމަށްވާ 854.9 މިލިޔަން ރުފިޔާއާއި ބިމާއި ފަރު އަދި ފަޅު ކުއްޔަށް ދީގެން ލިބޭ އާއްމުދަނީގެ 40 އިންސައްތަ ކަމަށްވާ 710.5 މިލިޔަން ރުފިޔާއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްގެ ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ އާއްމުދަނީގެ 5 އިންސައްތަ ކަނޑައެޅީ، ރިކަރެންޓް ޚަރަދު ކުރުމަށްފަހު ބާކީވާ ބައިން ކައުންސިލްގެ ޕްރޮގްރާމްތައް ހިންގޭނެ ފަދަ ގޮތެއް ހެދުމަށް ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ ޚަރަދުތައް ބޮޑުވެ، މިއަދަދުން ހަމައެކަނި ރިކަރެންޓް ޚަރަދުކޮށްފައި އިތުރު ކަމެއް ކުރަން ފައިސާ ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ފައިސާ ބޭނުންވާ ބައެއް ސަބަބުތައް ވިދާޅުވަމުން، އާދަމް ޝަރީފް ވިދާޅުވީ، އާ ޤާނޫނުގެ ދަށުން މިސްކިތްތަކާއި ކުޅިވަރު ދަނޑުތައް ކައުންސިލްގެ ދަށަށް ބަދަލު ކުރެވިފައިވާ ކަމަށާއި އެކަމުގެ ޚަރަދުތައްވެސް ކުރަން ޖެހެނީ ކައުންސިލަށް ދޭ ގްރާންޓްގެ ދަށުން ކަމަށެވެ. އަދި ކައުންސިލް ބަޖެޓުން މުސާރަ ދެމުން އަންނަ އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ މުސާރަ ދެގުނަ ކުރުމާއި ގުޅިގެން ޚަރަދުތައް ބޮޑުވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ދައުލަތުގެ އާއްމުދަނީގެ 6 އިންސައްތަ ކައުންސިލްތަކަށް ޚަރަދު ކުރަން ފެންނަ ކަމަށެވެ. އަދި މިހާރު އޮތް ބަޖެޓުން 100 އަށް ވުރެ ގިނަ ރަށަށް ޕްރޮގްރާމްތައް ހިންގަން ބަޖެޓް ނުލިބޭ ކަމަށާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ މުސާރަ ހަމަކުރަންވެސް އުދަނގޫވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
