ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދިނުމަށް ވޯލްޑް ބޭންކުގެ އެހީ ހޯދަނީ
ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ވަޒީފާ އެއް ނެތް މީހުންނަށް ހާއްސަކޮށްގެން އެލަވަންސެއް ދިނުމަށް ވޯލްޑް ބޭންކުގެ އެހީ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އެކަން އިއުލާން ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ވަޒީފާ ނެތް މީހުންނަށް “އަންއެމްޕްލޯއިމަންޓު އިންޝުއަރެންސް ސްކީމެއް” ތައާރަފު ކުރުމަށްޓަކައި ވޯލްޑް ބޭންކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެކަމާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. ސަރުކާރުގެ އުއްމީދަކީ އަންނަ އަހަރު އެ މަސައްކަތް ފެށިގެން ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއް ފުރަތަމަފަހަރަށް ރާއްޖޭގައި ކަނޑައެޅިގެން ދިޔައިރު އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގެ އެކި ސިނާއަތްތަކުގެ ބޭފުޅުންނާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އަލަށް ކަނޑައެޅި މިނިމަމް ވޭޖާއެކު، ރިސޯޓު މުވައްޒަފުންގެ އަސާސީ އުޖޫރަ 12،000 އަށް ބުރެ ބޮޑުވާނެ ކަމަށެވެ.

